މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ފަރާތުން ބަލަހައްޓަމުންދާ ޖަލުތަކުގައި ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި ތިން ފަރާތަކާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްސީއެސް އިން ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރީ ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓާއި، "އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަތް" (އައިކިޔުއެސް) އާއި، ކ. ހިންމަފުށީ އަނބުމާގެ / އަޙްމަދު މޫސާ، މި ތިންފަރާތާއެކު ކަމަށެވެ. އަދި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހިންމަފުށީ އައްސޭރި ޖަލުގައި ކަމަށްވެސް އެ ސާވިސްއިން ބުންޏެވެ.

ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓާއެކު ސޮއިކޮށްފައި ވަނީ އެފަރާތުން ހުށަހަޅާފައިވާ 100 ޖާގައިގެ ސްކޮލާޝިޕްގެ ދަށުން ކޮންޕިއުޓަރު ދާއިރާއިން ސެކްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ އާއި ހަމައަށް ކިޔަވައިދިނުމުގެ އެއްބަސްވުމެއްގައެވެ. އަދި މި ކޯހަށް ޖާގަ ދީފައިވަނީ ހުރިހައި ޖަލުތަކެއްގެ ގައިދީން ވެސް ހިމެނޭ ގޮތަށް ކަމަށް އެމްސީއެސް އިން ބުންޏެވެ.

އައިކިޔުއެސްއާ އެކު ސޮއިކުރެވުނީ ޖަލުތަކުގައި ކީރިތި ގުރުއާނާއި ދީން އުގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަދި ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު ބައިތަކުގެ ތެރޭގައި ތިލާވާ ކްލާސްތަކާއި، ހިފްސް ކްލާހާއި، ގާރީ ކޯސްފަދަ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްސީއެސް އިން ބުންޏެވެ. އަދި ކޯސްތަކުގައި ކިޔަވައިދޭ ދީނީ މާއްދާތަކުގެ ތެރޭގައި ފިގްހު މާއްދާއާއި، އިބާދާތާއި، ސީރަތުގެ ބައިތައް ހިމަނާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އަޙްމަދު މޫސާއާ އެކު ސޮއިކޮށްފައިވަނީ އައްސޭރިޖަލާއި މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް އަތްތެރިކަމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން ގައިދީންނަށް ލަކުޑިން ކުދި ދޯނި ހަދަން ދަސްކޮށްދިނުން ހިމެނޭ ކަމަށް ވެސް އެ ސާވިސް އިން ބުންޏެވެ.

މިއަހަރުގެ ތެރޭގައި މިފަދަ ތަފާތު 12 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ކޮމިޝަނާ އޮފް ކަރެކްޝަނަލް ސާވިސް ވިދާޅުވެފައިވެ އެވެ.