05 Nov 2014, 23:41
ވިދިވިދިގެން ތިން ވަނަ ފަހަރަށް އިންތިހާބު ނުވެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދާތީ އިންތިހާބުގައި ވާދަ ކުރެވޭނެތޯ ނޫންތޯ ސާފުކޮށްދެއްވުމަށް ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާ އެންމެ މަތީ ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ނިއުސް އޭޖެންސީ އޭއެފްޕީ އިން ބުނީ ރައީސް ރާޖަޕަކްސާ ނިންމަވާފައިވާ ގޮތަށް، އަންނަ ޖެނުއަރީ މަހު ބޭއްވުމަށް އިންތިޒާމު ކުރާ އިންތިހާބު ބޭއްވުމުގެ ހުއްދައަކަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
ރާޖަޕަކްސާ 2010 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ އެކު، ގާނޫނު އަސާސީ އިން ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ނުކުރެވޭނެ ކަމަށް ބުނާ މާއްދާ ވަނީ ބަދަލުކުރައްވައިފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ބަދަލަކީ އާ ރައީސަކަށް ލިބިދޭ އިހްތިޔާރެއް ކަމަށާއި ވެރިކަމުގައި ހުންނެވި ބޭފުޅަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
އާންމު އުސޫލާ ހިލާފަށް އެ މައްްސަލާގައި ސުޕްރީމް ކޯޓުން ވަނީ 11،000 ގާނޫނީ ވަކީލުން ތަމްސީލު ކުރާ ބާ އެސޯސިއޭޝަންގެ ގާނޫނީ ލަފައެއް 48 ގަޑި އިރުގެ ތެރޭގައި ދިނުމަށް އެދިފަ އެވެ. ރާޖަޕަކްސާ ބޭނުންފުޅު ވަނީ މި މަހު 10ގެ ކުރީން ކޯޓުން ނިންމާ ގޮތެއް އެންގުމަށެވެ.
ރާޖަަަޕަކްސާގެ އިންފޮމޭޝަން މިނިސްޓަރު މިދިޔަ މަހު ވިދާޅުވީ އަންނަ ޖެނުއަރީ މަހު އަވަސް އިިންތިހާބު ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ރަސްމީ ފަރާތްތަކާ ހަވާލާދީ އޭއެފްޕީ އިން ބުނީ ރާޖަޕަކްސާ އުންމީދު ކުރައްވަނީ އޭނާގެ ހަ އަހަރުގެ ދައުރުން ހަތަރު އަހަރު ފުރޭ މި މަހުގެ 19 ވަނަ ދުވަސް އަދި އޭގެ އެއް ދުވަސް ފަހުން އަންނަ އޭނާގެ 69 ވަނަ އުފަން ދުވަހު އިންތިހާބު އިއުލާން ކުރެއްވުމަށެވެ.
ރާޖަޕަކްސާ ކޯޓު އަމުރަކަށް މި އެދިވަޑައިގަންނަވަނީ މިދިޔަ އަހަރުގެ ކުރީ ކޮޅު ޗީފް ޖަސްޓިސް "އެއްލާލުމަށް"ފަހު އަދި އޭނާގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ލީގަލް އެޑްވައިޒަރު އެ މަގާމަށް ގެނަސްފައި ވަނިކޮށެވެ.
ދެ ހާސް ނުވަނަ އަހަރު، 37 އަހަރުވީ ވަތަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުން ލަންކާގެ މެޖޯރިޓީ އޮންނަ ސިންގަޅައިގެން ލޯބި ރާޖަޕަކްސާ ވަނީ ހޯއްދަވައިފަ އެވެ.
މަސްދަރުތައް ބުނާ ގޮތުން ރައީސް ރާޖަޕަކްސާ އިންތިހާބު އަވަސް ކުރީ އެެންމެ ފަހުން ބޭއްވި އިންތިހާބުގައި މަގްބޫލުކަން ދަށަށްދާތަން ފެނުމުންނެވެ.
އިންތިހާބާ ކާމިޔާބު ކުރުމަށް ރާޖަޕަކްސާ ވަނީ ޓެކްސް ކުޑަކޮށް މުސާރަ ބޮޑުކޮށް އަދި ގިނަ ސަޕްސިޑީތަކެއް އާ އަހަރުގެ ބަޖެޓްގެ ތެރެއިން އިއުލާން ކުރައްވައިފަ އެވެ.
ރާޖަޕަކްސާ އަށް ވަނީ ތަމަޅަ ހަނގުރާމަ ނިންމާލި އަހަރު، 2009 ވަނަ އަހަރުގެ ތެރޭގައި ތަމަޅައިންގެ އާންމުންގެ 40،000 އަށް ވުރެ ގިނަ މީހުން މަރާލި ކަމުގެ ތުހުމަތުގައި ބޭރުގެ ޕްރެޝަރާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. -- ޒ--