05 Nov 2014, 23:16
ސޮޕްޓްވެއާ ގެ އެންމެ ބޮޑު އެއްބާރު ކަމުގައިވާ މައިކްރޯސޮފްޓް އާއި ކްލައުޑް ސްޓޯރޭޖް ކުންފުނި ޑްރޮޕްބޮކްސް އިން ޓައި އެޕެއް ހަދައިފި އެވެ.
އަޔަލޭންޑް ގެ ޑަބްލިންގައި އޮތް ވެބް ސަމިޓްގައި މި ދެފަރާތުން އިއުލާންކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓް ކުންފުންޏާ ޑްރޮޕްބޮކްސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ޑްރޮޕްބޮކްސްގެ ސްޓޯރޭޖާއި ޝެއާރިން ފީޗަރސްތައް މޯބައިލް އަދި ވެބްކޮށް ވެސް މައިކްރޯސޮފްޓް އޮފީސް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެން ދާނެއެވެ.
އެގޮތުން ސްމާޓް ފޯނު ތަކުގައި ހުންނަ އޮފީސް ވަރޝަން ތަކަށާއި، ޓެބްލެޓްސް އަދި ވެބް ގައި ހުންނަ މައިކްރޯސޮފްޓް އޮފީސްގެ ވަޝަން ތަކަށް ވެސް ޑްރޮޕްބޮކްސް ލިބިގެންދާނެ އެވެ. މީގެ އިތުރުން ވަރަށް އަވަހަށް ޑްރޮޕްބޮކްސްއިން އެމީހުންގެ އަމިއްލަ އެޕްލިކޭޝަނެއް ވިންޑޯސް ފޯނުތަކާއި ޓެބްލެޓް ތަކަށް ނެރޭނެ ކަމުގައިވެސް ޑްރޮޕްބޮކްސް އިން ވަނީ ބުނެފަ އެވެ.
ޑްރޮޕްބޮކްސް އިން އިތުރަށް ބުނިގޮތުގައި އެމީހުންގެ ސްޓޯރޭޖްގައި މިހާރުވެސް 35 ބިލިއަން މައިކްރޯސޮފްޓް އޮފީސް ފައިލްތައް އެބަހުއްޓެވެ. އަދި މިހާރު އޮފީސް ބޭނުން ކުރާ ފަރާތްތަކުން އެމީހުން ސޭވްކޮށްފައި ހުރި ޑޮކިއުމަންޓް ޑްރޮޕްބޮކްސްގައި ބަހައްޓައިގެން ވެސް އެޑިޓް ކޮށް އޮފީސް އެޕް ބޭނުން ކުރާ އެހެން ޔޫސަރުންނަށް ޝެއާކޮށް ހެދޭނެއެވެ.
މި އާ ފީޗަރ ރިލީޒް ކުރެވިގެން ދާނީ މި ހަފްތާތެރޭ ނެރެން ހަމަޖެހިފައިވާ މައިކްރޯސޮފްޓް އޮފީސްގެ އާ އައިއޯއެސް އަދި އެންޑްރޮއިޑް އެޕުގައެވެ. މި ފީޗަރ ޑްރޮޕްބޮކްސް އެކައުންޓް ހުންނަ އޮފީސް ބޭނުން ކުރާ ކޮންމެ ފަރާތަކަށް ވެސް ލިބިގެން ދާއިރު ބިޒްނަސް ކަސްޓަމަރުން ޖެހޭނީ އޮފީސް 365 ގެ ލައިސަންސެއް ނަގައިގެން ބޭނުން ކުރާވެ. އެއީ އޮފީސް ސުއިޓްގެ ކްލައުޑް ފްރެންޑްލީ ވާރޝަން އެވެ.
ޑްރޮޕްބޮކްސް އިން އަންނަނީ އެމީހުންގެ ޚިދުމަތް ފެށި ފަހުން ވީ މުއްދަތު ތެރޭގައި އިތުރު ކަސްޓަމަރުން ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުންގެ ވާދަވެރި ކުންފުނި "ބޮކްސް" ގެ ގިނަ ކްލައިންޓުން ތަކެއް ޑްރޮޕްބޮކްސްއިން ވަނީ މިހާރު ހޯދައިފަ އެވެ.
މައިކްރޯސޮފްޓް އާއި އެކީ ޑްރޮޕްބޮކްސް އިން މިހެދި ޓައި އެޕަކީ މުހިއްމު ޓައި އެޕަކަށް ވިޔަސް މިއީ އަލަށް މިގޮތަށް ވެވުނު އެއްބަސްވުމެއް ނޫނެވެ. 2013 ވަނަ އަހަރު "ބޮކްސް" އިން ވަނީ އޮފީސް 365 އަދި އައުޓްލުކް 2013 އާ އެކު މިގޮތަށް ޓައިއެޕް ހަދައިފަ އެވެ. ނަމަވެސް އޭގެ އޮފީސް އެޕްސްތައް ޓެސްޓް ކުރުމަށް ފަހު މީހުނާ ހަމައަށް ފެންނަން ފެށީ މިދިޔަ މަހު ތެރޭގަ އެވެ.