އެކި މެއިލް އެކައުންޓްތައް ބޭނުން ކުރެވޭ ޖީމެއިލް މޯބައިލް އެޕެއް ގޫގުލްއިން ތައާރަފްކޮށްފި އެވެ.

އެންޑްރޮއިޑް ފޯނުތަކަށް ޑައުންލޯޑް ކުރަން މިހާރު ހުޅުވާލައިފައިވާ ގޫގުލްގެ އާ ޖީމެއިލް މޯބައިލް އެޕަކީ އެހެން އީމެއިލް އެކައުންޓްތައް ބޭނުން ކުރާ ފަރާތްތައް އޭގެ ތެރޭގައި، ޔާހޫ، އޭއޯއެލް، އަދި މައިކްރޯސޮފްޓް އައުޓްލުކް ފަދަ އެކައުންޓްތައް ބޭނުން ކުރާ ފަރާތްތަކުން ވެސް އެއް އެކައުންޓަކުން އީމެއިލްތައް ބަލައިލައި މެނޭޖެކުރެވޭ އެޕެކެވެ. މީގެ އިތުރުން އޮފީހުގެ އީމެއިލް އެޑްރެސްވެސް މި އެޕްގައި ބޭނުން ކުރެވެއެވެ.

މި އެޕްގައި ޖީމެއިލް އެކައުންޓް ތަކާއި ޖީމެއިލް ނޫން އެކައުންޓްތަކަށް ވަންނާނީ މިހާރުވެސް ޖީމެއިލްގެ ދެ އެކައުންޓް ގެންގުޅޭ ފަރާތްތަކުން އަމަލު ކުރާ ގޮތަށެވެ. ގިނަ އެކައުންޓްތަކެއް އެޑްކޮށްގެން ފަސޭހައިން ނެވިގޭޓް ކުރެވޭ ގޮތަށް ހަދައިފައިވާ ގޫގުލްގެ އާ ޖީމެއިލް މޯބައިލް އެޕްގައި ބޭނުން ކުރަމުން އަންނަ އެކައުންޓްނޫން އަނެއް އެކައުންޓަށް ބަދަލު ވުމަށް މަތީގައި ހުންނަ ފާހަގަ އަށް ފިތާލުމާ އެކީ އެމީހާގެ ހުރިހާ އެކައުންޓް ތަކެއް ފެނެ އެވެ.

ގޫގުލް އިން ބުނިގޮތުގައި މި އެޕް ފަރުމާކޮށްފައިވަނީ "މެޓީރިއަލް ޑިޒައިން" އަށެވެ. އޭގެ ސަބަބުން ފޮޓޯތަކުގެ ފުންމިންތައް ފަސޭހައިން ދެނެގަނެވެ އެވެ. އަދި މީގެ އިތުރުން މެޓީރިއަލް ޑިޒައިން އަކީ އާ ގޫގުލްގެ މޯބައިލް އޮޕަރޭޓިން ސިސްޓަމް "އެންޑްރޮއިޑް ލޮލީޕޮޕް" އަށް ވެސް މުހިއްމު އެއްޗަކަށް ވާނެ ކަމަށް ގޫގުލް އިން ބުނެއެވެ.

އަލަށް ރިލީޒް ކުރި ޖީމެއިލް އެޕަކީ ގޫގުލް އިން ވަރަށް ފަހުން ތައާރަފުކުރި އިންބޮކްސް އާއި ގުޅުވައިގެން ހަދާފައިވާ އެއްޗެކެވެ. މިދިޔަ މަހު ރިލީޒްކުރި އިންބޮކްސް އަކީ އީމެއިލްތައް "ޓު-ޑޫލިސްޓް" ގޮތަށް ބޭނުން ކުރެވޭ ފީޗަރެކެވެ. އެގޮތުން ރިމައިންޑަރތައް ލައި، އެއްވައްތަރު މެސެޖްތައް އެއް ގްރޫޕަކަށް އަޅައި، އެންމެ މުހިއްމު މެއިލްތައް ފާހަގަކޮށް އަދި ފަހުން ބަލަން ބޭނުންވާ މެއިލްތައް "ސްނޫޒް" އަށް ވެސް ލެވޭ ފީޗަރެކެވެ.

ގޫގުލް އިން ގަބޫލު ކުރާގޮތުގައި އެއް ޕްލެޓްފޯރމެއްގެ ދަށުން ހުރިހާ މެއިލްތައް ބަލައިލުމުގެ ފަސޭހަކަން ލިބިގެން ދާ ދިޔުމަކީ އެތައްހާސް އާ އެންޑްރޮއިޑް ޔޫސަރުންނެއް އުފެދިގެންދާނެ ކަމެކެވެ.

މަސްދަރު: ސީއެންއެން