ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫ އިސްދަރިވަރުންގެ ގުޅުން ހޯދައިފި އެވެ.

މާބައިދޫގެ ދަނޑުގައި އިއްޔެ ކުޅު މެޗު، އެ ޓީމުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފޮނަދޫ ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް 2-0 ލަނޑުންނެވެ. ފައިނަލް މެޗުގެ ދެ ލަނޑު ވެސް މާބައިދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހަސަން ނިޔާޒެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މާބައިދޫ ޓީމުގެ ކެޕްޓަން ނިޔާޒެވެ. އެންމެ މޮޅު ގޯލު ކީޕަރަށް ހޮވިފައި ވަނީ އެ ޓީމުގެ ގޯލްކީޕަރު ހަސަން މުނާޒެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ.

މިއީ މާބައިދުއަށް ނިސްބަތްވާ ޓީމުތަކުން އަތޮޅު މުބާރާތުގެ ތަށި ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އަތޮޅު މުބާރާތް ކާމިޔާބު ކުރީ އެ ރަށު ޒުވާނުންގެ ޖަމިއްޔާ އެވެ. އެ އަށްފަހު ބޮންޑް އޮފް މާބައިދޫ ޔޫތު އެވެ. އަދި މިއަހަރު އިސްދަރިވަރުންގެ ގުޅުމެވެ.

ނުވަ ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތް ފެށީ މިދިޔަ މަހުގެ 22 ގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށް ދިޔައީ މާބައިދޫގަ އެވެ. އަދި ގްރޫޕު 'ބީ'ގެ މެޗުތައް ކުޅެފައިވަނީ އެ އަތޮޅުގެ ކުނަހަންދޫގަ އެވެ.

ގްރޫޕު އޭ ގައި ހިމެނެނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫ އަމާޒު ޖަމިއްޔާ އާއި މާބައިދޫ އިސްދަރިވަރުންގެ ގުޅުމާއި ގަން ތުނޑި ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބެވެ.

ގްރޫޕް ބީ ގައި ހިމެނެނީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާމެންދޫ ޔުނައިޓެޑް އަދި މާވަށު ޒުވާނުންގެ ގުޅުމެވެ.