ލ. ގަމުން: އަލީ ވާފިރު

ލ. އަތޮޅުގެ ރަށް ރަށުގައި އުފެދޭކުނި ވަކިވަކިން އުކާލުމުގެ ބަދަލުގައި މި އަތޮޅު ގަމަށް ޖަމާކޮށް ކުނި މެނޭޖު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އަތޮޅު ރަށްރަށުގެ ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކޮށްފި އެވެ.

މި އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ސާފުތާހިރު އަތޮޅަށް ހެދުމުގެ މަގުސަދުގައި ގަމު ކައުންސިލުން އިސްނަގައިގެން މި އަތޮޅުގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް މެންބަރުންނާ އެކު މިއަދު ބޭއްވި މިބައްދަލް ވުމުގައި އަތޮޅު ފޮނަދޫ ކައުންސިލް ފިޔަވައި އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލުން ދެ މެންބަރުން ބައިވެރިވި އެވެ.

މިއަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް ރަނގަޅު ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ނިންމީ ކުނީގެ ބާވަތްތައް ވަކިކޮށް ކުނީގެ ތެރެއިން ބޭނުން ކުރެވިދާނެ ބާވާތްތައް ރީ ސައިލް ކުރުމަށެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ނިންމީ އަތޮޅުގެ ރަށް ރަށުގައި އުފެދޭ ކުނި ގަމަށް ޖަމާކޮށް ގަމުގައި އެކުނި ނައްތާލެވޭނެ ގޮތެއް އިންތިޒާމު ކުރުމަށެވެ. އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތީގެ ތެރޭގައި ހުންނަ ދަގަނޑާއި އެލްމެނިއަމް އަދި ޕްލާސްޓިކް ފަދަ ތަކެތި ވަކިކޮށް އެފަދަ ތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ބައިވެރިން މަޝްވަރާ ކުރި އެވެ.

"މި އަތޮޅު ހުރިހާ ރަށަކަށް ޖަމާވާކުނި ގަމަށް ގެންނަންވީ. ހުރިހާ ކުންޏެއް އެއްތަނަކަށް ޖަމާކުރެވު ނީމާ އެތަކެތިން ގަސްކާނާ ހެދިދާނެ. ދަގަނޑާއި އެލްމެނިއަމް އަދި ޕްލާސްޓިކް ފަދަ ތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ." މި އަތޮޅު ގަމު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވި އެވެ.

އިސްދޫ، ކަލައިދޫ، ދަނބިދޫ، މުންޑޫ، މާބައިދޫ، ގަން، ގާދޫ، ކުނަހަންދޫ، މާމެންދޫ، މާވަށް، ހިތަދޫން ބައިވެރިވި މި ބައްދަލް ވުމުގައި ދެން މަޝްވަރާކުރީ އެއް ކައުންސިލުން އަނެއް ކައުންސިލަށް ފޯރުކޮށް ދެވޭނެ އެހީތެރިކަމާ ބެހޭ ގޮތުންނެވެ. އެގޮތުން އެއް ރަށެއްގެ ކައުންސިލަށް ދިމާވާ ދަތިތަކުގައި އަނެއް ރަށެއްގެ ކައުންސިލުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ހުރިހާ ކައުންސިލަކުން އިއްތިފާގުވި އެވެ.

ފޮނަދޫ ކައުންސިލަށް ވެސް ދައުވަތު ދިނެވެ. ނަމަވެސް ބައްދަލުވުމަށް އެ ކައުންސިލުން ބޭފުޅަކު ވަޑައެއް ނުގަންނަވަ އެވެ.