އިއްޔެ ހެނދުނު އަޑިއަށް ދިޔަ "އިމްޝާ 14" ކިޔާ ކަންނެލި ދޯނީގައި ތިބި މީހުން ގަސްދުގައި އެ ދޯނި އަޑިއަށް ދުއްވާލިކަމަށް ލަފާ ކުރެވޭ ކަމުގައި އެ ދޯނީގެ ވެރިފަރާތް އައްބާސް މުހައްމަދު ބުނެފި އެވެ.

"ދޯނި ކުއްލިއަކަށް ފަސްވަރަކަށް މިނެޓު ތެރޭ އަޑިއަށް ދިޔައީ ކަމަށް ކައްޕި ބުނަނީ. އަޅުގަނޑަށް ހީވަނީ އެއީ ދޮގުހެން. އަޅުގަނޑަކަށް އެކަމެއް ގަބޫލެއް ނުކެރެވޭ އެއަށް ވުރެ ގަދައިގައި ދުއްވާފައި އޮތް ދޯންޏެއް އެއީ... ވަރުގަދަކޮށް އޮތް ދޯންޏެއް އެއީ..،" އައްބާސް ބުންޏެވެ.

މ. ކޮޅުފުށީ ހަތް މޭލު ބޭރުން އިމްޝާ ދޯނި ނުވަ މީހުންނާ އެކު އިއްޔެ އަޑިއަށް ދިޔައިރު މޫސުން ގޯސް ނޫންކަމަށް ކޮޅުފުށީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެ ރަށަށް ކަނޑުވި ނުވަ ފިރިހެނުން ގެންދިޔަ އިރު އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެ ދޯނީގައި އެ ވަގުތު ތިބީ ހަތް ދިވެހިންނާއި ދެ ބިދޭސީން ނެވެ.

ކޯސްޓްގާޑުގެ ޑިޕިއުޓީ ޑިރެކްޓާ މުހައްމަދު ސަލީމް ވިދާޅުވީ އިއްޔެ ހެނދުނު 7:36 ގައި އެ ދޯނި އަޑިއަށް ދާން އުޅޭ ކަމަށް ބުނެ މުލީ ފުލުހުން ކޯސްޓު ގާޑަށް އެންގި ކަމަށެވެ.

"އެ ދޯނީގައި ހުރި މީހަކު މުލީ ފުލުހަކަށް ގުޅާފައި އެންގި އަޑިއަށް ދާ ވާހަކަ. މުލީ ފުލުހުން ކޯސްޓް ގާޑަށް އެންގީ،" ސަލީމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކޯސްޓުގާޑުން އެދިގެން މުލީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
"ކޯސްޓު ގާޑަށް ރިޕޯޓު ކުރެވިފައި ވަނީ އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން ކަނޑުވެފައި ތިބި މީހުންނާއި އޮޔާ ދިޔަ ތަކެތި ސަލާމަތް ކުރިކަމަށް. އެ ދޯނިން މީހުން ނެގިއިރު އެންމެން ވެސް ތިބީ ލައިފް ޖެކެޓު އަޅައިގެން،" ސަލީމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބެލި އިރު ދޯނި ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގުނު ގޮތުގައި އެ ދޯނި އަޑިއަށް ގޮސްފައި ވަނީ އެ ދޯނީގެ ބަނޑު ފިލައިގެ ހިންމިތަކުން ދިޔަ ވުމުގެ ސަބަބުންނެވެ.
"އެ ދޯންޏަކީ މީގެ ކުރިން ވެސް ހިންމިތަކުން ދިޔަވާ ދޯންޏެއް. އެހެންކަމުން ދޯނި އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް މިހާތަނަށް ލަފާ ކުރެވެނީ،" އިއްޔެ ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަޑިއަށް ގޮސްފައިވާ ދޯނި ނެގުމުގެ މަސައްކަތް އުސޫލެއްގެ ގޮތުން ކުރާނީ އެ ދޯނީގެ ވެރިފަރާތުން ކަމަށެވެ. އަދި ދޯނީގެ ވެރި ފަރާތުން އެދިއްޖެ ނަމަ ދޯނި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް ދޯނީގެ ވެރި ފަރާތުން ބުނީ އެ ދޯނި ހޯދާނެ ގޮތެއް ނޭނގޭ ކަމަށާއި، އެ ދޯނި މިހާރު އޮތީ ކޮންތަނެއްގައި ކަމެއް ވެސް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެން އަޑިއަށް ގޮސްފައި އޮތް އެއްޗެއް ކިހިނެއްބާ ހޯދާނީ. އަޅުގަނޑަކަށް ނޭނގެ އޮތް ދިމާލެއް ވެސް،" އިމްޝާ ދޯނީގެ ވެރިފަރާތް އައްބާސް ބުންޔެވެ.
އެ ދޯންޏަކީ އިންޝުއާ ކޮށްފައިވާ ދޯންޏެއް ކަމެއް ނުވަތަ ނޫންކަމެއް އެ ދޯނީގެ ވެރިފަރާތަކުން ނުބުނެ އެވެ.