ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައިނަލްއަގްވާމީ ވައިގެބަނދަރު (ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް) ގެ މުވައްޒަފުންތަކެއް ކުރަން ފެށި ހަޅުތާލާ ގުޅިގެން ފުރުން ފަސްކުރި، ރާއްޖެއިން ލަންލާއަށް ދިއުމަށް ހަމަޖައްސާފައިވާ ފްލައިޓްތައް ކޮލަންބޯއަށް ފުރައިފި އެވެ.

ކޮލަންބޯ އެއާޕޯޓްގައި މުވައްޒަފުން މިއަދު ކުރަން ފެށި ހަޅުތާލާ ގުޅިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަމީހުންނަށް ނުފުރި ލަސްވެގެން އެއާޕޯޓަށް އެގަޑީގައި ވަނީ ބާރު ބޮޑުވެފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިރޭ 'ސަން' އަށް ވިދާޅުވީ، ހަޅުތާލާ ގުޅިގެން ފުރުން ފަސްކުރަން ޖެހުނު ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ފުރުމަށް ހަމަޖައްސާފައި އޮތީ މެންދުރު ފަހު 3:35 ގައި ކަމަށާއި ނަމަވެސް އެ ފްލައިޓް ފުރާފައިވަނީ ހަވީރު 5:32 ގައި ކަމަށެވެ. އަދި ކޮލަންބޯ އަށް ފުރުމަށް 4:20 ގައި ހަމަޖައްސާފައި އޮތް އީކޭ ފްލައިޓް ފުރާފައިވަނީ 4:45 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން މިރޭ މާލެ އިން ކޮލަންބޯއަށް ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ވެސް ޝެޑިއުލާ އެއްގޮތަށް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮލަންބޯ އެއާޕޯޓްގެ މުވައްޒަފުން ހަޅުތާލު ކުރަމުން ގެންދިޔައީ އެމީހުންގެ މުސާރަ ބޮޑުކޮށް ނުދީގެންނެވެ. އަދި އެ މައްސަލައިގައި އެ މުވައްޒަފުން ވަނީ މިއަދު ކޮލަންބޯ އެއާޕޯޓްގައި ހުންނަ އިންޖީނުގެއަށް ވަދެ އެއާޕޯޓުން ކަރަންޓް ވެސް ކަނޑާލައިފަ އެވެ.

އެ ހަޅުތާލާ ގުޅިގެން އެވަގުތު ކޮލަންބޯ އެއާޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގިނަ ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ވަނީ ބުރޫ އަރާފަ އެވެ. ރޭ ދަންވަރުން ފެށިގެން ކުރިއަށް ގެންދިޔަ އެ ހަޅުތާލު ނިންމާލާފައިވަނީ މިއަދު ހަވީރު އެވެ.