މިޑްފީލްޑަރު ޢަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ފަސް ލަނޑާއެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުން މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 1-6 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މުބާރާތުގައި މި ދެ ޓީމުންވެސް ކުރިއަށް އަދި އެއް މެޗު ކުޅެން އޮތްއިރު، ރޭ ކްލަބް އީގަލްސް އަތުން މާޒިޔާ ސްޕޯތްސް އެންޑް ރެކްރިއޭޝަން ބަލިވުމުން ނިއުއަށް ވަނީ ލީގް ޓައިޓްލް ކަށަވަރު ވެފައެވެ. ނަމަވެސް ނިއުއަތުން މި މެޗުން ބަލިވުމުން މަހިބަދޫ ޓީމަށް ވަނީ ލީގުގައި ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ.

މި މެޗުގެ ފުރަތަމަ ފަސް މިނިޓުތެރޭ ނިއުއިން މަހިބަދޫގެ ގޯލް ހުޅުވާލާފައި ވާއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޕެނެލްޓީ އޭރިއާ ތެރޭން ފޮނުވާލި ބާރު ޝޮޓަކުން އެޓީމްގެ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ޑޮމިނޭޓް ކުރަމުން އައި ނިއުއިން ވަނީ އޭގެ ކުޑަ އިރުކޮޅެއްތެރޭ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އުމޭރު ނަގައިދިން ކޯނަރަކުން އެޓީމްގެ ބޭރު ކުޅުންތެރިޔާ ޑޭވިޑް އެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އަނެއްކާވެސް ނިއުއިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑޭވިޑް ދިން ރީތި ޕާހަކުން ނިއުއަށް މި ލަނޑުވެސް ކާމިޔާބު ކޮށްދީފައި ވަނީ ސެންޓޭ އެވެ. އަދި އޭގެ ހަ މިނެޓުފަހުން ސެންޓޭ ވަނީ މި މެޗުގައި ހެޓްރިކް ހަދައި، ނިއުއަށް އެ ޓީމްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފުރަތަމަ ހާފުގެ ފަހު 10 މިނެޓުތެރޭ މަހިބަދޫއިންވެސް ވަނީ ރަނގަޅު ހަމަލާ ތަކެއް އުފައްދާފައެވެ. އެ ގޮތުން މަހިބަދޫގެ ހުސައިން ނިޔާޒް (ބޮކުރީ)ގެ ބާރު ހަމަލާއެއް ވަނީ ނިއުގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައި ވަނީ 0-4 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފް މަހިބަދޫއިން ފައްޓާފައި ވަނީ ވަރުގަދަކޮށެވެ. އެޓީމްގެ މަސައްކަތުގެ ނަތީޖާއަކަށްވީ، މެޗުގެ 56 ވަނަ މިނެޓުގައި މަހިބަދޫއިން މި މެޗުގައި އެޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މިދުހަތު ދިން ބޯޅަޔަކުން އެ ޓީމްގެ ޖުނައިދެވެ.

ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ސެންޓޭ ވަނީ މެޗުގައި އޭނާގެ ހަތަރުވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދީފައެވެ. އޭގެ ދެ މިނިޓު ފަހުން ނިއުއަށް ވަނީ ޕެނަަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލްގެ ދާގަނޑުގައި ޖެއްސުމުން، ސެންޓޭ ވަނީ މެޗުގައި އޭނާގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މިއަދުގެ މެޗުގައި ސެންޓޭ ކާމިޔާބުކުރި ފަސް ލަނޑާއެކު މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. ސެންޓޭއަށް ވުރެ ދެ ލަނޑު އިތުރަށް ކާމިޔާބުކޮށް، ޖުމުލަ 27 ލަނޑާއެކު މި ސީޒަންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މި ނަތީޖާއާއި އެކު ޗެމްޕިއަން ނިއުއަށް ވަނީ މުބާރާތުގައި މުޅި ޖުމުލަ 51 ޕޮއިނޓް ލިބިފައެވެ. ތާވަލްގެ ހަވަނައިގާ އޮތް މަހިބަދޫއަށް މުޅި ޖުމްލަ ލިބިފައި ވަނީ 14 ޕޮއިންޓެވެ.