05 Nov 2014, 18:13
މާލޭ ސިޓީކައުންސިލުން މިއަދު މާލޭ މަގުތަކުގައި ފެންފޯއް ރުއްތައް އިންދަމުން ދަނިކޮށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން އެ ރުއްތައް ނަގަން ފެށުމުން، އެކަން ހުއްޓުވުއިދިނުމަށް ސިޓީ ކައުންސިލުން ފުލުހުން ގާތުގައި އެދުމުން ވެސް ފުލުހުންގެ ފަރާތުން އެކަމުގައި އެއްބާރުލުން ނުލިބުނު ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އެމައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު މާލޭ ސިޓީކައުންސިލް ހޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ، މިދިޔަ މަހުގެތެރޭގައި މާލޭގެ މަޖީދީމަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ބަޔަކު ކަނޑާލުމުން، ބަދަލުގައި އަލުން ފެންފޯއް ރުއްތައް އިންދުމުގެ މަސައްކަތް މިއަދު ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތް ފެށުމާއެކު ހައުސިން މިނިސްޓްރީގެ އެންގުމުގެމަތިން ކަމަށް ބުނެ އެމްއާރުޑީސީން އައިސް އެ ރުއްތައް ނަގާފައިވާ ކަމަށާއި، އެވަގުތު ސިޓީ ކައުންސިލް ކައިރީގައި ތިބި ފުލުހުން ގާތުގައި އެކަން ހުއްޓުވަން އެދިފައިވާ ކަމަށެވެ.
"އިންދިތާ މާގިނައިރެއް ނުވެ އެމްއާރުޑީސީން އެ ރުއްތައް ނަގަން ފަށައިފި. ދެން އަޅުގަނޑުމެން ފުލުހުން ގާތުގައި އެދުނީ އެކަން ހުއްޓުވުމަށް. އެއީ ގާނޫނީ ގޮތުން އެބޭފުޅުންނަށް ރުއްތައް ނެގުމުގެ ބާރެއް ނޯންނާނެ. ނަމަވެސް ފުލުހުން ހަމަ ބަލަހައްޓައިގެން ތިބީ،" ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރުއްތައް ނެގުން ހުއްޓުވުމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށަހަޅަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން މާލޭގައި އަލުން ފެންފޯއް ރުއްތައް އިންދުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގެ މަގުތަކުގައި ޖަހާފައި ހުރި ރުއްތައް މިދިޔަ މަހު ބަޔަކު ކަނޑާލައިފައި ވަނިކޮށެވެ.
ފެންފޯއް ރުއްތައް ކެނޑި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ އިރު އެ ރުއްތައް އިންދުމުގެ ސަބަބުން މަގުތަކުގައި ހުރި ކާނުތައް ބެދޭ ކަމަށާއި އަލުން ރުއް އިންދުމުގެ ކުރިން ހުއްދަ ހޯދުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.