05 Nov 2014, 17:27
މިރޭ ކުޅޭ ޔުއެފާ ޗެންޕިއަންސް ލީގުގެ މެޗުތަކުގެ ތެރޭން، ބާސެލޯނާ އާއި އަޔެކްސް ބައްދަލު ކުރާ މެޗަކީ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ ރިކޯޑް މުގުރާލުމަށް ބާސާގެ ތަރި ލިއޮނަލް މެސީއަށް އޮތް ރަނުގެ ފުރުސަތެކެވެ.
މިރޭގެ މެޗަށް މެސީ ނިކުންނަ އިރު، ޗެންޕިއަންސް ލީގްގައި އޭނާޖަހާފައިވާ ގޯލްގެ މުޅި ޖުމްލަ އަދަދަކީ 69 އެކެވެ. މިއީ އޭނާއާ އެންމެ ގާތުން މި ރިކޯޑަށް ވާދަ ކުރާ ރެއާލް މެޑްރިޑްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ އެއް ގޯލް މަދު އަދަދެކެވެ. ރޮނާލްޑޯ ވަނީ ޗެންޕިއަންސް ލީގްގައި މުޅިޖުމުލަ 70 ގޯލް ކާމިޔާބު ކޮށްފައެވެ.
ޗެންޕިއަންސް ލީގް ޓޮޕް ސްކޯރާގެ ލަގަބް މިހާރު އޮތީ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރައުލް ގޮންޒާލެސް އަތުގައެވެ. އޭނާ ވަނީ 1995 ން 2011 ށް ޗެންޕިއަންސް ލީގްގައި އޭނާ ކުޅުން މެޗުތަކުގައި މުޅި ޖުމުލަ 71 ގޯލް ކާމިޔާބު ކޮށްފައެވެ.
މި މެޗުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މި މެޗަކީ ބާސާގެ ލުއިސް ސުއަރޭޒް އޭނާގެ ކުރީގެ ޓީމް އަޔެކްސްއާ ދެކޮޅަށް ޗެންޕިއަންސް ލީގުގައި ނިކުންނަ ފުރަތަމަ މެޗެވެ. މި އަހަރުގެ މެދުތެރޭ ލިވަޕޫލުން ބާސާއަށް ބަދަލުވި ސުއަރޭޒް އަޔެކްސްއަށް ކުޅުނު ތިން އަހަރުތެރޭވަނީ އެޓީމްގައި 159 މެޗު ކުޅެ އެ މެޗުތަކުގައި އެ ޓީމަށް މުޅިޖުމުލަ 111 ގޯލު ޖަހައިދީފައެވެ.
"ގިނަ ދުވަސްތަކަކަށްފަހު، ޗެންޕިއަންސް ލީގްގައި އަހަރެން ކުޅުނު ޓީމް އަޔެކްސްއާ ދެކޮޅަށް، އަހަރެންގެ ޑްރީމް ޓީމް ބާސާގައި ހުރެ ކުޅެން ފުރުސަތު ލިބުމަކީ އާދައިގެ ކަމެއް ނޫން. މީ އަހަންނަށް ވަރަށް ހާއްސަ މެޗެއް،" ބާސެލޯނާ މެގަޒިންއަށް ސުއަރޭޒް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
މިރޭގެ މެޗަށް ބާސާގެ ކުޅުންތެރިން މިފަދަ އަޒުމެއްގައި ނިކުންނައިރު، އެ ޓީމާ ދެކޮޅަށް ނިކުންނަ އަޔެކްސްއަށް މިފަހަރުގެ ޗެންޕިއަންސް ލީގްގައި އެ ޓީމުން ކުޅުނު އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް އަޔެކްސްގެ ކޯޗް ބުނެފައި ވަނީ ބާސާގެ ކުޅުމަށް އެޓީމުން އިހުތިރާމް ކުރާއިރު، ބާސާ ދެކެ އެޓީމުން ބިރު ނުގަންނަ ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި މިފަހަރު އަޔެކްސް ކުޅުނު ތިން މެޗުގެ ތެރޭން ދެ މެޗު ޑްރޯކޮށް، އެޓީމު އޮތީ ދެ ޕޮއިންޓާއެކު ޗެންޕިއަންސް ލީގް ގްރޫޕް 'އެފް'ގެ ތިންވަނަ މަގާމުގައެވެ. އެއާ ހިލާފަށް ބާސާ އޮތީ ތާވަލްގެ އެއްވަނައިގާ އޮތް ޕެރިސް ސެއިންޓް އަށް ވުރެ އެއްޕޮއިންޓް މަދު އަދަދެއް ކަމަށްވާ ހަ ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.
މިރޭ ޗެންޕިއަންސް ލީގުގައި ބާސާ އާއި އަޔެކްސް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:45ގަ އެވެ.