އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރުމުގެ ކުރިން، ކޮމެޓީގައި ބަޖެޓް ދިރާސާ ކުރަން ފެށުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަޖެޓް ބަހުސް ނިންމުމުގެ ކުރިން، އަންނަ ހޮނިހިރު ދުވަހު ބަޖެޓް ކޮމެޓީގެ މަސައްކަތް ފަށައި ގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށައިގަތުމަށް އިބޫ އެދިވަޑައިގެންނެވި އިރު، ބަޖެޓް ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށައިގަންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ބަޖެޓާ ގުޅޭ ގޮތުން ކޮމެޓީ އަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ކަނޑައެޅުން އަވަސް ކުރުމަށް ވެސް އިބޫ ވަނީ މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ. އެގޮތުން ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއް ކޮމެޓީ އަށް ހާޒިރު ކުރުމުގެ ބަދަލުގައި ކޮމެޓީއާ މަޝްވަރާ ކުރުމަށް ބޭނުންވާ މިނިސްޓްރީތައް ކޮމެޓީ އަށް ހާޒިރު ކުރުމުން "ވަގުތު ސަލާމަތްވާނެ" ކަމަށް އިބޫ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މިނިވަން މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ މިނިވަން މުއައްސަސާތަކެއް ވެސް ކޮމެޓީ އަށް ހާޒިރު ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ބަޖެޓް ކޮމެޓީގެ މަސައްކަތް އަވަސް ކުރުމަށް ހުރިހާ ޕާޓީތަކުގެ މެމްބަރުންގެ ވިސްނުން "އެއް ގޮތް" ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދެ ވަނަ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެގޮތުން އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ފަސް ކަމެއް ހުށަހަޅާފަ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމާއި ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ނަގަން ފެށުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް އަންނަ އިންވެސްޓްމަންޓުތަކުން އިކިއުޒިޝަން ފީއެއް ނެގުމާއި ބިންވެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް 10 ރަށެއް ކުއްޔަށް ދިނުމެވެ.