05 Nov 2014, 15:54
ޗެންޕިއަންސް ލީގްގައި ރޭ ޔުވެންޓަސް އާއި އޮލިންޕިއާކޮސް ބައްދަލުކުރި މެޗް އޮލިންޕިއާކޮސްގެ ރޮބާޓޯ އަތުން ބައިކޮޅަށްް ވައިން ގޯލާ އެކު ޔުވެންޓަސް ކާމިޔާބުކޮށްފި އެވެ.
ޔުވެންޓަސް މި މެޗު ކާމިޔާބު ކޮށްފައި ވަނީ އޮލިންޕިއާކޮސްގެ މައްޗަށް 2-3ގެ ނަތީޖާއަކުން ކުރި ހޯދައިގެނެެވެ.
މެޗުގެ ފުރަތަމަ ހާފް އޮލިންޕިއާކޮސް އިން ފައްޓާފައި ވަނީ ވަރުގަދަ ކޮށެވެ. ނަމަވެސް ހާފްގެ ފުރަތަމަ 10 މިނެޓް ކުޅެވުނު ފަހުން ޔުވެންޓަސް އިން ވަނީ މެޗް ޑޮމިނޭޓް ކުރަން ފައްޓާފަ އެވެ.
މެޗުގެ އެންމެ ފުރަތަމަ ގޯލް ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ މި ހާފްގެ 21 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޔުވެންޓަސް އަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިޓަލީ ކުޅުންތެރިއާ އެންޑްރިއަސް ޕިރްލޯ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އޮލިންްޕިއާކޮސްގެ ދާގަނޑުތެރެއަށް ބޯޅަ ފޮނުވާލައިގެނެވެ.
އޭގެ ތިން މިނެޓު ފަހުން އޮލިންޕިއާކޮސް އިން ވަނީ ޔުވެންޓަސްއާ އަރާ ހަމަހަމަކޮށްފަ އެވެ. ޑޮމިންގޭޒް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާ، އޮލިންޕިއާކޮސްގެ މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ބޯޓިއާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އިން ދެ ޓީމް އެއްވަރު ވެގެނެވެ.
ދެވަނަ ހާފް ޔުވެންޓަސް އިން ފައްޓާފައި ވަނީ އޮލިންޕިއާކޮސްގެ ގޯލަށް ފޮނުވާލި ރަނގަޅު ހަމަލާތަކަކާ އެކީއެވެ. ހާފް ފެއްޓިތާ 10 މިނެޓުތެރޭ ޔުވެންޓަސް އިން އެ ޓީމްގެ އެންމެ ފުރަތަމަ ބަދަލު ވަނީ ފެނިފަ އެވެ. މި ބަދަލު ކުރިތާ ކުޑަ އިރުކޮޅެއް ތެރޭ، މެޗުގެ 61 ވަނަ މިނެޓުގައި އޮލިންޕިއާކޮސް އަށް ލިބުނު ސެޓް ޕީސްއަކުން، ރިބައުންޑް ވި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާ އެ ޓީމުން ވަނީ މެޗުގައި ލީޑް ނަގާފަ އެވެ.
މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ހާފްގެ 20 މިނެޓު ކުޅެވުނުތަނާ އޮލިންޕިއާކޮސްގެ ރޮބާޓޯ އަތުން ބައިކޮޅަށް ވައިން ގޯލާއެކީ އެވެ.
މި ގޯލާ ވިދިގެން މެޗުގެ 66 ވަނަ މިނެޓުގައި، ޔުވެންޓަސްގެ ޕޮގްބާ ވަނީ ޔުވެންޓަސް އަށް އެ ޓީމްގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދީފަ އެވެ. މި ގޯލާ އެކު ޔުވެންޓަސް އަށް ވަނީ މެޗުގެ ލީޑް ލިބި، އެ ޓީމްގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
މެޗުގައި ޔުވެންޓަސް އަށް އިތުރު ގޯލެއް ކާމިޔާބު ކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައި ވަނީ ދެ ވަނަ ހާފްގެ އިތުރު ވަގުތު ތެރޭގަ އެވެ. އިތުރު ވަގުތަށް ރެފްރީ ދެއްކި ފަސް މިނެޓުތެރޭ ޔުވެންޓަސް އަށް ޕެނެލްޓީއެއް ލިބިފައިވާ އިރު، މި ޕެނަލްޓީ ވަނީ އޮލިންޕިއާކޮސްގެ ކީޕަރު ރޮބާޓޯ ކުޅަދާނަ ކަމާއެކީ ދިފާއުކޮށްފަ އެވެ. އެހެންކަމުން މެޗު ނިމިގެން ދިޔައީ 2-3 ގެ ނަތީޖާއިން ޔުވްންޓަސް ކުރީގައި އޮވެގެނެވެ.
މި މެޗުގެ ނަތީޖާއާ އެކު، ޔުވަންޓަސް ވަނީ ފައިދާ އެއް ގޯލާއި މުޅިޔަކު ހަ ޕޮއިންޓާ އެކު ޗެންޕިއަންސް ލީގް ގްރޫޕް އޭގެ ތާވަލްގެ ދެވަނަޔަށް ޖެހިލާފަ އެވެ. އަދި މި މަގާމްގައި ކުރިން އޮތް އޮލިންޕިއާކޮސް އޮތީ، ގެއްލުން އެއް ގޯލާއި މުޅިއަކު ހަ ޕޮއިންޓާ އެކު ތާވަލްގެ ތިންވަނައިގައެވެ.