ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގައި ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބު އިދިކޮޅު ރިޕަބްލިކަން ޕާޓީ ކާމިޔާބުކޮށްފި އެވެ.

މިއިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވަނީ ސެނެޓްގެ އަޣްލަބިއްޔަތާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު ވެސް ހޯދާފަ އެވެ. ކޮންގްރެސްގެ ދެ ގޭގެ ތެރެއިން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު ކުރިން ވެސް އޮތީ ރިޕަބްލިކަން ޕާޓީ އަށެވެ. އަދި ސެނެޓްގެ އަޣްލަބިއްޔަތު އޮތީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަށެވެ. ނަމަވެސް އިއްޔެގެ އިންތިޚާބުގައި މި ދެ ގޭގެ ސާފު އަޣްލަބިއްޔަތު ރިޕަބްލިކަން ޕާޓީ ވަނީ ހޯދާފަ އެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ސެނެޓްގެ އަޣްލަބިއްޔަތު ލިބުނީ ކުރިން އެޕާޓީ އަށް ކާމިޔާބު ކުރެވިފައިނުވާ މުހިއްމު ސްޓޭޓްތަކެއްގެ ގޮނޑިތައް ކާމިޔާބުކޮށްގެންނެވެ. މިސްޓޭޓްތަކުގެ ތެރޭގައި އާކެންސަސް، މޮންޓާނާ، ސައުތް ޑެކޮޓާ، ވެސްޓް ވާޖީނިޔާ، ކޮލޮރާޑޯ އަދި ނޯތް ކެރޮލައިނާ ހިމެނެ އެވެ.

ރިޕަބްލިކަން ޕާޓީގެ މިކާމިޔާބީއާއެކު އެޕާޓީއަށްވަނީ ރައީސް ބަރަކް އޮބާގެ ވެރިކަމަށާއި އޮބާމާގެ ސިޔާސަތުތަކަށް ބާރާއި ނުފޫޒު ހިންގޭ ފަދަ ސިޔާސީ ބުރަދަން ހުރި ހިސާބަށް ވާސިލްވެވިފަ އެވެ. އެހެންކަމުން މިއީ އޮބާމާއަށާއި އޭނާގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ވަރަށްބޮޑު ނާކާމިޔާބީއެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ރިޕަބްލިކަނުންގެ މިކާމިޔާބީއާއެކު ސެނެޓްގެ އަޣްލަބިއްޔަތު ލީޑަރަކަށް ހަމަޖެހިފައި ވަނީ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ސެނެޓާ މިޗް މެކޮނަލް އެވެ.

ކޮންގްރެސްގެ އިންތިޚާބު ކުރިމަތިވި އިރު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އޮބާމާގެ ސަރުކާރަށް ނުކުރެވުމާއި އައިއެސްޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާއަށް ކާމިޔާބު ނުލިބުމާއި އެމެރިކާގެ ސިއްޙީ ނިޒާމު އިސްލާޙް ކުރުމަށް އޮބާމާ ވެވަޑައިގެންފައިވާ ވަޢްދުތައް ފުއްދިފައި ނުވުމުގެ އިތުރުން ޓެކްސްގެ މައްސަލަތައް ހިމެނެ އެވެ.

ކޮންގްރެސްގެ އިންތިޚާބު ބާއްވާފައި މިވަނީ މިމައްސަލަތަކާ އެކު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮބާމާގެ މަގްބޫލުކަން ދުވަހަކު ވެސް ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފައި ވަނިކޮށެވެ. އެހެންކަމުން ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓްގެ ވެސް ފުރިހަމަ އަޣްލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީން ހޯދާނެކަން މިޑްޓާމް އިންތިޚާބުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކުންވެސް ހާމަވެފައިވެ އެވެ. ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ހުރިހާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމާއި ސެނެޓްގެ ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމުގެ އިތުރުން ބައެއް ސްޓޭޓްތަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް ކުރިޔަށް ދިޔަ އެވެ. ގަވަރުނަރުންގެ އިންތިޚާބުގައިވެސް ކުރި އިދިކޮޅު ރިޕަބްލިކަން ޕާޓީވަނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މައްޗަށް ކުރިހޯދާފަ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢްލާން ކުރުމުގެ ތަންކޮޅެއް ކުރިން އޮބާމާވަނީ އަންނަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބާއްވާ ޚާއްސަ ބައްދަލުވުމަކަށް ވަޑައިގަތުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ އިސްފަރާތްތަކަށް ދެއްވާފަ އެވެ. ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މިނާކާމިޔާބީއަކީ އޮބާމާގެ ސިޔާސަތުތަކަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްގެ އިތުރުން މިއީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް ޑިމޮކްރެޓިކް ޕާޓީއަށް ވުރެ ރިޕަބްލިކަން ޕާޓީ އަށް ފުރްސަތު ބޮޑުވެގެން ދާނެ ކަމެއްކަމަށް މުޙައްލިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)