05 Nov 2014, 15:16
ހައުސިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް) ޑރ. މުހައްމަދު ޝަރީފް އޭނާގެ މަގާމުގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ތިން މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޕާމެނެންޓް ސެކެޓްރީގެ މަގާމުގައި ހުރެ ހައުސިން މިނިސްޓަރަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެކި ކަހަލަ އުނދަގޫތައްކޮށް ބިރު ދައްކާ ކަމަށް ބުނެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުލްލަތީފް މުހައްމަދު އަދި ހުޅުދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދެވެ.
އެ ތިން މެމްބަރުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ޝަރީފް މިނިސްޓަރަށާއި މުއައްޒަފުންނަށް ބިރު ދައްކައި އުނދަގޫ ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ސިވިލް ސާވިސް އަށް ވެސް ހުށަހަޅާފައިވާ ކަމަށް ތިން މެމްބަރުން ބުނެފައިވެ އެވެ.
ކޮމިޓީ ކުރިއަށް ގެންދަން ދެ ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ފުރަތަމަ ހުށަހެޅުމަކީ ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވައި ތުލުސްދޫ ދާއިރާ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ތާއީދު ކުރައްވާ ހުށަހެޅުމެވެ. އެއީ މައްސަލައާ ގުޅޭ ތިން ފަރާތް ކަމަށްވާ ހައުސިން މިނިސްޓްރީ އަށާއި ސިވިލް ސާޥިސް ކޮމިޝަނަށް އަދި ޑރ. ޝަރީފުގެ މައުލޫމާތު އިތުރަށް ހޯދުމެވެ.
ދެވަނަ ހުށަހެޅުމަކީ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅާ މާފަންނު ހުޅަނގު ދާއިރާ މެމްބަރު މުހައްމަދު ފަލާހު ތާއީދު ކުރައްވާފައިވާ ހުށަހެޅުމެވެ. އެއީ މައްސަލައާ ގުޅޭ ތިން ފަރާތް ކޮމިޓީއަށް ހާޒިރު ކުރައްވާ ސުވާލު ކުރުމެވެ.
ކޮމިޓީ އިން ނިންމާފައި ވަނީ އިތުރަށް ތަހުގީގު ކުރުމައްޓަކައި ހައުސިން މިނިސްޓްރީ އަށާއި ސިވިލް ސާޥިސް ކޮމިޝަނަށް އަދި ޝަރީފަށް ސިޓީ ފޮނުވާށެވެ.
އެ މައްސަލާގައި ކޮމެޓީގެ ބައްދަލުވުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.