05 Nov 2014, 15:13
ރޭ ކުޅުން ޗެންޕިއަންސް ލީގް މެޗުގައި 0-1 ގެ ނަތީޖާއަކުން ލިވާޕޫލް މައްޗަށް ކުރި ހޯދައި ރިއަލް މެޑްރިޑުން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފި އެވެ.
ތާވަލްގެ އެއް ވަނައިގާ މުޅިއެކު 12 ޕޮއިންޓާއެކު އޮތް ރިއަލް ރޭގެ މެޗަށް ނުކުމެފައި ވަނީ އެ ޓީމް އަދި މިހާތަނަށް މި މުބާރާތުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެނެވެ. އެއާ ހިލާފަށް ޕޮއިންޓް ތާވަލްގެ ތިންވަނައިގާ ތިން ޕޮއިންޓާއެކު އޮތް ލިވާޕޫލްއަށް މުބާރާތުގައި ކާމިޔާބު ކުރެވިފައި ވަނީ އެ ޓީމް ކުޅުނު ހަތަރު މެޗުގެ ތެރޭން އެންމެ މެޗެކެވެ.
ޓީމްގެ ފުރަތަމަ އެގާރައަށް ގެނައި ގިނަ ބަދަލު ތަކަކާއެކު މެޗަށް ނިކުތް ލިވާޕޫލުން ވަނީ އެންމެ ފަހުން އެ ޓީމް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މި މެޗުގެ ފެށުމުގައި ސްޓީވަން ޖެރާޑާއި މާރިއޯ ބަލެޓޮލީ ފެނިފައި ވަނީ ބެންޗުންނެވެ.
ރަނގަޅު ފޯމަކާއެކު މެޗަށް ނުކުތް ރިއަލް މެޑްރިޑުން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓުތެރެގައި ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗު ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ލިވާޕޫލްގެ ކީޕަރު މިގަނޮލެޓަށް ވަނީ މެޑްރިޑްގެ ރޮޑްރިގޭޒްގެ ބާރު ޝޮޓެއް ދިފާއުކޮށްފަ އެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭ ބެންޒެމާ އާއި ރޮނާލްޑޯގެ ރޭވުންތެރި ހަމަލާއެއް ވަނީ ލިވާޕޫލްގެ ގޯލަށް އަމާޒުކޮށްފަ އެވެ.
ލިވާޕޫލުގެ ޑިފެންސް ފޫއަޅުވާލައި މެޗުގެ 27 ވަނަ މިނެޓުގައި މެޑްރިޑުން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް މާސެލޯ ނަގައިދިން ބޯޅަ ލިވާޕޫލުގެ ގޯލުގެ ދާގަނޑު ތެރެއަށް ވައްދާލީ ބެންޒެމާ ފޮނުވާލުމުންނެވެ.
އެ ނަތީޖާއާއެކު ލިވާޕޫލަށް ވަނީ ގްރޫޕް ސްޓޭޖްގައި އެ ޓީމުން ކުޅެން ދެން އޮތް ދެ މެޗަށް އިތުރު އިސްކަމެއް ދޭން މަޖުބޫރުވެފަ އެވެ.