މާލޭ ސިޓީ ކައުންސިލުން މަޖީދީމަގުގައި މިއަދު އަލުން ފެންފޯއް ރުއްތައް އިންދަން ފެށުމުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީރުޑީސީ) އިން އެ ރުއްތައް އުފުރަން ފަށައިފި އެވެ.

މޭޔަރު މުހައްމަދު ޝިހާބް މިއަދު "ސަން" އަށް ވިދާޅުވީ ރުއްތައް އިންދުމުގެ މަސައްކަތް މިއަދު މެންދުރު ސިޓީ ކައުންސިލްހެ މުވައްޒަފުންކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ރުއްތައް ޖަހައިފައިވާ ކަމަށެވެ.

ނަމަވެސް ރުއްތައް އުފުރި ކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ރުއްތައް އުފުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީރުޑީސީ)ގެ ބިދޭސީ މުވައްޒަފުންތަކެކެވެ. އަދި އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.

މާލެ ސިޓީ ކައުންސިލް ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސިޓީ ކައުންސިލުން މާލޭގައި އަލުން ރުއްތައް ޖެހުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގެ މަގުތަކުގައި ޖަހާފައި ހުރި ރުއްތައް މިދިޔަ މަހު ބަޔަކު ކަނޑާލައިފައި ވަނިކޮށެވެ.

ރުއްތައް ކެނޑި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ އިރު ރުއްތައް އިންދުމުގެ ސަބަބުން މަގުތަކުގައި ހުރި ކާނުތައް ބެދޭ ކަމަށާއި ރުއް ޖެހުމުގެ ކުރިން ހުއްދަ ހޯދުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އަންގައިފަ އެވެ.