05 Nov 2014, 14:33
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓް، އަންނަ މަހުގެ ކުރިން ދިރާސާކޮށް ނިންމުމަށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އަންނަ މަހުގެ ކުރިން ބަޖެޓް ދިރާސާކޮށް ނިންމުމަށް ބަޖެޓް ކޮމެޓީ އަށް ހުށަހެޅީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުންނެވެ. އަންނަ މަހުގެ އެކަކަށް ބަޖެޓް ދިރާސާކޮށް ނިންމުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހަޅުއްވައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ތާއިދު ކުރެއްވި ހުށަހެޅުމަށް 12 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނެވެ. އެ ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅީ އަންނަ މަހުގެ ފަހެއްގެ ކުރިން ބަޖެޓް ދިރާސާކޮށް ނިންމުމަށެވެ. ނަމަވެސް ޕީޕީއެމްގެ ހުށަހެޅުމަށް އެމްޑީއޭ އާއި ޖޭޕީ އަދި ޕީޕީއެމްގެ މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުން އެމްޑީޕީގެ ހުށަހެޅުމަކަށް ވޯޓަކަށް ނާހަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ފާޑު ވިދާޅުވެފަ އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ ބަޖެޓުގައިވާ ކަންތައްތަކަށް ރައްޔިތުންނަށް ފައިދާ ވަނީ ކޮން ގޮތަކުންތޯ ބެލުމަށް ކަމާ ބެހޭ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތައް ހާޒިރުކޮށް، ކޮމެޓީއަށް ޖަވާބުދާރީ ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ބަޖެޓް ކޮމެޓީގެ މަސައްކަތް ފަށައިގަތުމާ އެކު މުއައްސަސާތަކުގެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ މެމްބަރުންގެ ހިމަނައިގެން އުފައްދާފައިވާ ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ 24 މެމްބަރުންނެވެ. އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ 10 މެމްބަރުންނާއި އެމްޑީޕީގެ އަށް މެމްބަރުންނާއި އެމްޑީއޭގެ ދޭއް މެމްބަރުންގެ އިތުރުން ޖޭޕީގެ ހަތަރު މެމްބަރުންނެވެ.