ތިމާގެ ސިއްހަތައް ސަމާލުކަންދިނުން ކުޑަވުން، ބަރުހެލިވުން، އަދި އާއިލާއިން ވާރުތަވުން އެއީ ހިތުގެ ބަލިތައް ޖެހުމުގައި ހިއްސާވާ އެންމެ ނުރައްކާތެރި ތިން ކަމެވެ. ވާރުތަވާ ބަލިތަކަށް ރައްކާތެރިވުމަކީ އަހަރުމެންގެ ބާރުގައި ނެތްކަމެއް ނަމަވެސް ހިތުގެ ބަލިތަކުން ދުރުވުމަށް ފަސޭހަކަމާ އެކު ކުރެވޭނެ ބައިވަރު ކަންތައްތަކެއްވެ އެވެ.
މިލިޔުމުގައި ކިޔާލަދީފައި ވާނީ ހިތުގެ ބަލިތަކުން ރައްކާވުމަށް ކުރެވިދާނެ ނުވަ ކަމެއްގެ ވާހަކަ އެވެ.

ހިތުގެ ބައްޔަކީ އާއިލާއިން ވާރުތަވާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. މަންމަ، ބައްޕަ ނުނީ އަމިއްލަ ކޮއްކޮއެއް ނުވަތަ ބޭބެއަކަށް ޅައުމުރުގައި ހިތުގެ މައްސަލައެއް ޖެހިފައި ހުރެއްޖެ ނަމަ ތިމާ އަށް ވެސް ހިތުގެ ބަލި ޖެހުމަކީ އެކަށީގެންވާ ކަމަކެވެ. ވާރުތައިން ޖެހޭ ހިތުގެ ބަލިތައް ދެނެގަތުމަށް ތިމާގެ އާއިލާގެ ސިއްހީ ތާރީހު އޮޅުންފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެވާހަކަތައް ޑޮކްޓަރަކާ ހިއްސާކޮށް ލަފާހޯދަން ވާނެ އެވެ.

ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާނެ އަނެއް ކަމަކީ ހަމަ ނިދި ނުލިބުމެވެ. ހަމަ ނިދި ނުލިބުމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވެސް ހަށިގަނޑަށް އެތައް ގެއްލުމެއް ލިއްބައިދޭ ކަމެކެވެ. އެމެރިކާގައި ހުންނަ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ޝިކާގޯގެ ހޯދުންތެރިން 2008 ވަނަ އަހަރު ކުރި ތަހުލީލެއްގައި ބައިވެރިވި މީހުންގެ ތެރެއިން ފަސް ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅަކަށް ނިދި މީހުންގެ ހިތުގައި 27 ޕަސެންޓަށް ވަނީ ޖަރާސީމު އުފެދޭ ފަދަ ފަށަލައެއް ހެދިފަ އެވެ. އަދި ފަސް ގަޑިއިރާ ހަގަޑިއިރު ނިދި މީހުންގެ ހިތުގައި 11 ޕަސެންޓަށް އެނުރައްކާތެރި ފަށަލަ ހެދިފައިވާ އިރު ހަތް ގަޑިއިރަށް ވުރެ ގިނައިރު ނިދި މީހުންގެ ހިތުގައި އެފަށަލަ އުފެދިފައި ވަނީ ހަމަ އެކަނި ހަ ޕަސެންޓަށެވެ.

އެހެންވުމުން ހިތުގެ ދުޅަހެޔޮކަމަށް ކޮންމެ ރެއަކުވެސް މަދުވެގެން އަށް ގަޑިއިރުގެ ނިދި ހޯދުމަކީ ކޮންމެ މީހަކު ވެސް އިސްކަންދޭންޖެހޭ ކަމެކެވެ.

ހިތުގެ ބަލި ދެނެގަތުމަށް ދޭތެރެދޭތެރެއިން ހިތުގެ ޗެކްއަޕް ހެދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ހިތުގެ ބަލި ހުންނަ މީހުންނަށް ދިމާވާ ބައެއް ކަންކަމަކީ މޭގައި ރިއްސުން، ބޯއެނބުރުން، މޭނުބައިކުރުން، ހިތުގެ ވިންދު އަވަސްވުމާއި ނޭވާކުރުވުމެވެ. މިފަދަ ކަމެއް ތިމާއަށް ދިމާވާ ނަމަ ޑޮކްޓަރަކަށް ދައްކައި އަވަހަށް ފަރުވާ ހޯދަންވާނެ އެވެ. އާއިލާގެ މީހަކަށް ހިތުގެ ބައްޔެއް ޖެހިފައިވާ ނަމަ ހިތުގެ ބަލިތައް ޖެހުމުން ދިމާވާ ކަންކަން ދެނެގަނެ އެކަމަށް ސަމާލުކަންދިނުމަކީ ވެސް ބުއްދިވެރިކަމެކެވެ.

ހިތް ދުޅަހެޔޮކުރުމަށް ދެން ކުރެވެން އޮތް ކަމަކީ ކެއުން ރަނގަޅުކުރުމެވެ. ހިތަށް ލުއިފަސޭހަވެ ހިތަށް ފައިދާވާ އެއްޗެހި ކެއުމުން ވެސް ހިތުގެ ބަލިތަކާއި ދުރުވެ އެވެ. މިސާލަކަށް ބުނާ ނަމަ ސަރުބީ ގިނަ ކާއެއްޗެހި ނުކެއުމާއި، ކެއުމުގައި ތާޒާ މޭވާ އާއި ތަރުކާރީ ގިނަ ކުރުމާއި ސެލްމަން މަސް، ބަދަނުގެ ބާވަތެއްކަމަށްވާ ވޯލްނަޓް އާއި ފެލްކްސީޑް ފަދަ އޮމެގާ-ތްރީ ފެޓީ އެސިޑްގިނަ ކާނާ ކެއުން ރަނގަޅުވާނެ އެވެ. އޭގެ އިތުރުން ދުވާލެއްގެ މައްޗަށް 2000 މިލިގުރާމް ލޮނު ބޭނުންކުރުމަކީ ވެސް ހިތުގެ ބަލިން ސަލާމަތްވުމަށް އެހީވެދޭނެ ކަމެކެވެ.

ފަސް ވަނަ ކަމަކަށް އޮތީ ކަސްރަތު ކުރުމެވެ. ކަސްރަތުކުރުމުން ހިތުގެ މައްސަލަތަކުން ދުރުވުމުގެ އިތުރުން ވެސް ހަށިގަނޑަށް އެތައް ފައިދާއެއް ލިބިގެންދެ އެވެ. ކަސްރަތު ކުރުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދައްވެ، ލޭގެ ޕްރެޝަރު ވެސް ކޮންޓްރޯލްވެ އެވެ. އޭގެ އިތުރުން ހަކުރު ބަލިޖެހުމާ ދުރުވެ، ސްޓްރެސް ލެވެލް ވެސް ދައްކޮށްދެ އެވެ. ދުވާލަކު 30 މިނެޓު ދުވެ، ބާރަށް ހިނގާ، ފަތާ ނުވަތަ ބައިސްކަލު ދުވާލުމުން ވެސް އެދުވަހެއްގެ ކަސްރަތު ކުރެވުނީ އެވެ.

ދެން އޮތީ ތިމާގެ ބަރުދަން ރަނގަޅު ވަރެއްގައި ބެލެހެއްޓުމެވެ. ބަރުހެލިވެ ހަށިގަނޑުގައި ނޭދެވޭ ސަރުބީތައް ގިނަވުމުން ހިތަށް ވަރަށް ގެއްލުންވެ އެވެ. ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ މާމައްޗަށް ގޮސްފި ނަމަ ލޭގެ ޕްރެޝަރު މަތިވެ ހިތުގެ ބަލިތައް ޖެހުން ވަރަށް ގާތެވެ. ހަށިގަނޑުގައި އަސްލު ހުންނަން ޖެހޭ ބަރުދަން ބީއެމްއައި އިން ދައްކާދޭނެ އެވެ. ބީއެމްއައި ނުވަތަ ބޮޑީ މާސް އިންޑެކްސް ހޯދުމަށް އޮންލައިން ކަލްކިއުލޭޓަރެއް ބޭނުންކުރެވިދާނެ އެވެ. އޭގެ އިތުރުން ސައިންސްވެރިން ބުނާ ގޮތުގައި ފީތާއެއް ބޭނުންކޮށްގެން އުނަގަނޑުގެ މިން ނަގައިގެން ވެސް ހިތުގެ ބައްޔެއް ޖެހުމުގެ ފުރުސަތު އޮތްތޯ ބެލިދާނެ އެވެ. ފިރިހެނެއްގެ އުނަގަނޑުގެ މިން 40 އިންޗިއަށް އަދި އަންހެނެއްގެ އުނަގަނޑުގެ މިން 35 އިންޗިއަށް ވުރެ މަތިވެއްޖެ ނަމަ ހިތުގެ ބަލިތައް ޖެހުމަށް ބޮޑު ފުރުސަތެއް އޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ސްޓްރެސްވުމުން ނުވަތަ ކަންކަމާ މާބޮޑަށް ވިސްނުމުން ވެސް ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދާ ކަމަށްވެ އެވެ. މާބޮޑަށް ކަންކަމާ ވިސްނުމުގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމަށް އުނދަގޫވާނެ އެވެ. ހަށިގަނޑުގެ ސްޓްރެސް ލެވެލް ދައްކުރުމަށް އެހީވާ ބައިވަރު ކަންތައްތައް ހުރެ އެވެ. ހާސްވާ ކަހަލަ ނުވަތަ ހިތާމަވެރި ކަމެއް ދިމާވުމުން އެކަމުގެ ވާހަކަ ތިމާ އިތުބާރުކުރާ މީހަކާ ހިއްސާކުރުން، ކަސްރަތު ކުރުން، ޔޯގާ ނުވަތަ މެޑިޓޭޓްކުރުން، ނުވަތަ އެވާހަކަ ފޮތެއްގައި ލިޔުމުން ވެސް ސްޓްރެސް ލެވެލް ދައްވާކަމަށްވެ އެވެ.

އަށްވަނަ ކަމަކަށް ބަލާލާނީ ދަތްތައް ސާފުކޮށްގެން ރަނގަޅަށް ބެލެހެއްޓުމަށެވެ. ހިތުގެ ދުޅަހެޔޮކަމާއި ދަތާއި ހުރި ގުޅުމެއް އަދި ސާބިތުކުރެވިފައި ނުވި ނަމަވެސް އެމެރިކާގައި ހުންނަ ދަތާ ބެހޭ ޔުނިވާސިޓީއަކުން ހޯދާފައިވާ ގޮތުގައި އަނގައިގެ ހިރުގަނޑުގައި ހެދޭ ޖަރާސީމު ލޭއާ އެކުވެ ހިތުގެ ފާރުތަކުގެ އާޓަރީތަކުގައި ހަރުލާފައި ހުންނަ ސަރުބީގައި ތަތްލަވަ އެވެ. މިއީ ސާބިތު ނުވެ އޮތް ކަމެއް ކަމުގައި ވިއަސް ރައްކާވެތިބުމަކީ ބުއްދިވެރިކަމެކެވެ.

ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ ފަހުކަމަކަށް މިލިޔުމުގައި ބަލާލާނީ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުމަށާއި ކެފޭން ބޭނުންކުރުން މަދުކުރުމަށެވެ. ގިނައިން ކެފޭން ހުންނަ ބާވަތުގެ އެއްޗެހި ބޮއެ ނުވަތަ ދުންފަތުގެ އިސްތިމާލުކުރުމުން ހަށިގަނޑަށް ބައިވަރު ގެއްލުންތަކެއް ލިބެ އެވެ. އާއިލާގައި ހިތުގެ ބަލި ހުންނަ މީހުން ކެފޭން ހުންނަ އެއްޗެހި މަދުން ބޭނުންކޮށް ދުންފަތުގެ އިސްތިމާލު ނުކުރުމަކީ އެދެވިގެންވާ ކަމެކެވެ.