05 Nov 2014, 13:47
ސްޕެއިންގެ ދެފޯޑުން ޖެހި ލަނޑުތަކުން ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑުން މާލްމޯގެ މައްޗަށް ކުރިހޯދައިފި އެވެ. ސްވިޑެންގެ ކްލަބެއްގެ ކަމަށްވާ މާލްމޯގެ މައްޗަށް އެތްލެޓިކޯ މެޑްރިޑުން ކުރިހޯދީ 2-0 ންނެވެ.
ސްވިޑްބޭންކް ސްޓޭޑިއަމްގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގައި އެތްލެޓިކޯ މެޑްރިޑަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 30 ވަނަ މިނުޓުގައި ކޯކޭ އެވެ. މެޗުގެ 78 ވަނަ މިނުޓުގައި އެޓީމުގެ މިޑްފީލްޑަރު ރައުލް ގާސިއާ ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
މި ނަތީޖާ އާ އެކު ގްރޫޕް އޭގެ އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ނުވަ ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި ޖުވެންޓަސް އޮތްއިރު ތިންވަނައިގައި އޮތީ އޮލިމްޕިއާކޮސް އެވެ. މި ދެ ޓީމަށް ވެސް ހަ ޕޮއިންޓް ލިބިފައިވާ އިރު ގްރޫޕްގެ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާއެކު މާލްމޯ އެވެ.
ފުރަތަމަ ހާފުގައި އެތްލެޓިކޯގެ ކުޅުންތެރިން ވަނީ ފުލުފުލުގައި މާލްމޯގެ ގޯލާ އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިގޮތުން ގާސިއާ އާއި ކޯކޭ ފޮނުވާލި ބާރު ހަމަލާތައް މާލްމޯގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގައި މާލްމޯ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިއާ އެމިލް ފްރޮސްބާގް އަށެވެ. އޭނާ ފޮނުވާލި ބޯޅަ އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު ވަނީ ހުޝިއާރުކަމާއެކީ ދިފާއުކޮށްފަ އެވެ.
ފާއިތުވި މެޗުތަކުގައި އެތްލެޓިކޯގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދެއްކި ފޯވަޑް އެންޓޮއިން ގްރައިޒްމަންގެ ބަދަލުގައި މެނޭޖަރު ސިމިއޯނީ ފުރަތަމަ އެގާރައިން ޖާގަ ދިނީ ގާސިއާ އަށެވެ. ގްރައިޒްމަން ވަނީ އެންމެ ފަހުން ލީގުގައި އެޓީމު ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.