އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހޮއްވަވައި، ނައިބު މުގައްރިރަކަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ހޮއްވަވައިފި އެވެ.

ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ހޮއްވެވީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 21 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮއްވެވީ 15 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ބަޖެޓް ކޮމެޓީއަކީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން، ޖުމްލަ 24 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެވެ. އެ ކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމްގެ 10 މެމްބަރުންނާއި އެމްޑީޕީގެ އަށް މެމްބަރުންނާއި އެމްޑީއޭގެ ތިން މެމްބަރުންނާއި ޖޭޕީގެ ތިން މެމްބަރުންނެވެ.