ފަލަސްތީނުގެ ޤުދުސްގައިވާ މުސްލިމުންގެ ތިން ވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤުޞާ ނައްތާލައި އެތަނުގައި ފައްޅިއެއް އަޅާނެ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިސްރާއީލުގެ ހައުސިން މިނިސްޓަރު އޫރީ އެރިއަލް ބުނި ކަމަށް އަލް މޮނިޓަރް ނޫހުން ބުނީ އަޤުޞާ މިސްކިތް މިހާރު ހުރި ގޮތަށް ބެހެއްޓުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އެހެން ބުނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތެއް ކަމަށްވާ ޝާސް އިން ހިންގާ ކޮލް ބެރަމާ ރޭޑިއޯއަށް އިއްޔެ ދިން އިންޓަވިއުއެއްގައި ކަމަށް ނޫހުން ބުންޏެވެ.

އޭނާ ބުނެފައި ވަނީ އަންނަ އިންތިހާބާއި އެކު އިސްރާއީލުގެ ސިޔާސީ ހަގީގަތް ބަދަލުވާނެ ކަމަށާއި ޔަހޫދީންގެ ތިން ވަނަ ފައްޅި އެޅުމުގެ ފުރުސަތު އޭރުން ލިބޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ (އިސްރާއީލުގެ) އާއްމުންގެ ވިސްނުމަށް ސަރުކާރުން އިހުތިރާމް ކުރަން ޖެހޭނެ ކަމުގެ މައްޗަށް އޭނާ ވަނީ އެ އިންޓަވިއުގައި ބާރުލައި ވާހަކަ ދައްކާފައެވެ.


އިސްރާއީލުން ހިފާފައިވާ އިރުމަތީ ޤުދުސްގައިވާ އަޤުޞާ މިސްކިތަށް މުސްލިމުން ވަނުން މިދިޔަ ހަފުތާގައި އެގައުމުން މުޅިން މަނާކުރި އެވެ. އެ ހުއްދަ މުސްލިމުންގެ ތެރެއިންގެ 50 އަހަރުން މަތީގެ މީހުންނަށް އަލުން ދިނީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް އެއްވެސް މުސްލިމަކު މިސްކިތަށް ނުވައްދައި އިސްރާއީލުން ހިފަހައްޓަމުން އަންނަ ކަމަށް ނޫސްތަކުން މިއަދު ބުންޏެވެ.