ޗެމްޕިއަންސް ލީގުގައި ތުރުކީގެ ގަލަޓަސަރާއީގެ މައްޗަށް ކުރިހޯދައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމައުންޑް އިން ދެވަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ރޭ ޑޯޓްމައުންޑްގެ ސިގްނަލް އިޑުނާ ޕާކްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް އެޓީމުންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 39 ވަނަ މިނުޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަޑް މާކޯ ރިއުސް އެވެ.

ޑޯޓްމައުންޑްގެ ދެވަނަ ލަނޑު 54 ވަނަ މިނުޓުގައި ގްރީސްގެ ޑިފެންޑަރު ޕަޕަސްތަޕަލޯސް ކާމިޔާބުކޮށްދީފައި ވަނިކޮށް 69 ވަނަ މިނުޓުގައި ގަލަޓަސަރާއީގެ ހަކާން ބާލްޓާ ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން 83 ވަނަ މިނުޓުގައި ވިންގާ ސިރާ އިމޯބިލޭ ވަނީ ޑޯޓްމައުންޑަށް އިތުރު ލަނޑެއް ޖަހައިދީ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. މެޗުގައި އެޓީމުން ޖެހި ހަތަރުވަނަ ލަނޑަކީ ގަލަޓަސަރާއީގެ ސެމީ ކާޔާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ދެހާފުގައި ވެސް ޑޯޓްމައުންޑްގެ ކުޅުންތެރިން ވަނީ އަންދްރަލެޓްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މިގޮތުން ފުރަތަމަ ހާފުގައި ޑިފެންޑަރު ޕަޕަސްތަޕަލޯސް ފޮނުވާލި ހަމަލާ ގަލަޓަސަރާއީގެ ކީޕަރު ދިފާއު ކުރިއިރު ޝިންޖީ ކަގާވާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްދަނޑި ކައިރިން ބޭރަށެވެ.

މި މޮޅާއެކު ގްރޫޕް ޑީގެ އެއްވަނައިގައި ޑޯޓްމައުންޑް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުގަ އެވެ. އެއް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައި ގަލަޓަސަރާއީ އޮތްއިރު ދެވަނައިގައި އޮތީ އިނގިރޭސި ވިލާތުގެ އާސެނަލް އެވެ.

ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީކާތަކެއް ނެރެމުން އަންނަ ޑޯޓްމައުންޑް ޓީމަށް ލީގުގައި އަދިވެސް އެފެންވަރަށް ކުޅެވޭ ވަރެއްވަނީ ނުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބުންޑެސްލީގާގައި ވާދަވެރި ބަޔާން މިއުނިކް އާ ވާދަކޮށް ޑޯޓްމައުންޑް ވަނީ 2-1 ން ބަލިވެފަ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން އެޓީމު ބަލިވި ފަސްވަނަ މެޗެވެ.