26 Jan 2011, 15:58
އުވާލާފައިވާ ގަން ބަލަހައްޓާ ޔުނިޓްގެ ވަޒީފާގައި ތިބި ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒިފުންތަކަކަށް ކުރިން ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާ އިން ވަކިކުރުމުން އެމީހުން ގަން ބަލަހައްޓާ އޮފީސް ކުރިމަތީ މުޒާހަރާކޮށް ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ރައީސް ނަޝީދު 2009 ވަނަ އަހަރު ގަން ބަލަހައްޓާ އޮފީސް އުވާލައްވައި އެ އޮފީހުގެ މަސައްކަތް ގަން އެއާޕޯޓް ކޮމްޕެނީ އާ ހަވާލުކުރައްވާފައިވާ އިރު އެ ކުންފުނީގެ ދަށުގައި މިހާރު ތިބި ސިވިލް ސާވިސް 95 މުވައްޒިފަކަށް މިއަދު ވަޒީފާ އިން ވަކި ކުރި ކަމުގެ ޗިޓް ހަވާލުކޮށްފައި ވަނީ ކުރިން އެއްވެސް އެންގުމެއް އެންގުމަކާ ނުލައި ކަމަށް އެ އޮފީހުގައި މަސައްކަތް ކުރާތާ 3 އަހަރު ވެފައިވާ މުސްތާގު މުހަންމަދު ކިޔާ މިހަކު ބުންޏެވެ. އޭނާ އިތުރަށް ބުނީ އެމީހުން ވަޒީފާ އިން ވަކިކުރިކަން މިއަދު އެންގިއިރު އެމީހުނަށް ލިބެން ޖެހޭ އެލަވަންސްތަކާއި މުސާރަ ވެސް ދީފައި ނުވާކަމަށެވެ. އަދި ވަޒީފާ އިން ވަކި ކުރީ ކޮންސަބަބަކާ ހުރެ ކަމެއްވެސް އެމީހުންނަށް ނާންގާފައި ނުވާ ކަމަށެވެ.
ގަމުގައި މަސައްކަތް ކުރާތާ 22 އަހަރުވެފައިވާ ވެފައިވާ މުވައްޒިފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މިހާރު ތިބި 105 މުވައްޒިފުންގެ ތެރެއިން ޕުރޮވިންސް އޮފީހަށް ބަދަލުކުރުމަށް ނިންމާފައި ވަނީ އެންމެ 10 މުވައްޒިފުން ކަމަށާއި ދެން ތިބި މުވައްޒިފުން ވަޒީފާ އިން ވަކި ކުރިކަން މިހާރު އަންގާފައި ވާކަމަށެވެ.
"ރައީސް ނަޝީދުގެ ސަރުކާރުން ކުރިން ބުނެފައި ވަނީ ރައްޔިތުންނަށް ދެރަ ގޮތެއް ނަހަދާނަމޭ. އެކަމަކު މިހާރު ކިހިނެތްތޯ މިވަނީ. މިހެން ހަނދަން ހެޔޮނުވާނެ،"
މިއަދު ހަވީރު 3:00 ހާކަންހާއިރު ހޯމްމިނިސްޓަރު ހަސަން އަފީފް ގަމަށް ވަޑައިގެން ބޮޑު މަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް 22 މީހަކު އަފީފު ވަށާލައި އޭނާ މިހާރު ވަނީ ގަން ބަލަހައްޓާ އޮފީހަށް ވައްދާފައި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އޭނާ ބުނީ އަފީފު ބޭނުން ފުޅުވަނީ ކޮންމެވެސް އެކަކާ ވާހަކަ ދައްކަވަން ކަމަށާއި އެހެނަސް އެއްވެފައިވާ މީހުން ބޭނުން ވަނީ ވަޒީފާ އިން ވަކި ކުރި 95 މުވައްޒިފުންނާ އެއްފަހަރާ ވާހަކަދެއްކުމަށް ކަމަށެވެ.
"އެމީހުން ބުނަނީ އަފީފް އާ ވާހަކަ ދައްކާނީ އެންމެން އެއްކޮށް ކަމަށް،" އެމީހާ ބުންޏެވެ.
މީގެ އިރުކޮޅެށް ކުރިން އަފީފު ސަން އަށް ވިދާޅުވީ "ބަޔަކާ މިހާރު މައްސަލަގަޑެއްގެ ތެރޭގައި ވާހަކަ ދައްކަމުން ދާކަމަށާއި ފަހުން ގުޅާލު"މަށެވެ. އެހެން އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ހޯދުމަށް ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމްއާ ގުޅުމުން ބުނީ އެއީ ހޯމް މިނިސްޓްރީ އާ ގުޅުން ހުރި ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
މުވައްޒިފުން ވަޒީފާ އިން ވަކިކުރި މައްސަލައިގައި ގަން އެއާޕޯޓް ކޮމްޕެނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް ގުޅިއިރު އޭނާ ފޯނަށް ޖަވާބުނުދެއްވާތީ ވަނީ ކޮމިޝަންގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯމްބަރު 12 ވަނަ ދުވަހު ވެސް ވަނީ ގަން ބަލަހައްޓާ އޮފީހުން ގިނަ އަދަދެއްގެ މުވައްޒިފުންތަކެއް ވަޒީފާ އިން ވަކިކޮށްފަ އެވެ.