05 Nov 2014, 12:55
މީހަކަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ މ. ސީޑު އިސްމާއީލް ރަޝީދު އާއި އިސްމާއީލް އަބްދުއްލަތީފާ ދެމެދު ހިނގި ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި، އަނބުރާ ދައްކާގޮތަށް އިސްމާއީލް ރަޝީދު އޭނާ އަށް ދީފައިވަނީ 25،000 ޑޮލަރު ކަމަށް މަލީޝާގެ ވެރިޔާގެ ފަރާތުން ބުނިނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އެ ހުކުމްގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓެއްގެ 6،119،262 ރުފިޔާގެ ޗެކެއް އިސްމާއީލް އަބްދުއްލަތީފް އިސްމާއީލް ރަޝީދަށް ދޫކޮށްފައިވާކަން އެޗެކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން އެ ޗެކުގައިވާ ފައިސާ އަކީ އިސްމާއީލް އަބްދުއްލަތީފް އޭނާ އަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެފައިސާ އިސްމާއީލް ރަޝީދަށް ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައި ނިންމުމަށް ވަނީ ހުކުމްކޮށްފައެވެ.