ގެދޮރު އިމާރާތް ކުރުމުގައި ބައެއް ފަހަރު ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގައި ރަޖިސްޓްރީވެފައިވާ ޒިންމާދާރު ބަޔަކާ އެ މަސައްކަތް ހަވާލުކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިލްތިމާސްކޮށްފި އެވެ.

މަސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމާރާތް ކުރާއިރު މަސައްކަތުގެ ފެންވަރު ރަނގަޅަށް ވަޒަން ނުކުރެވި މަސައްކަތް ކުރުމުގެ ސަބަބުންނާއި، އިމާރާތްތައް ބޭނުން ކުރުމުގައި ވަކި އުސޫލަކުން މަރާމާތުގެ މަސައްކަތްތައް ބަލަހައްޓަމުން ނުދާތީ ބައެއް ނޭދެވޭ ހާދިސާތައް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއްފަހަރު ދޮރުތައް ވެއްޓުމާއި އެފަދަ ތަކެތިންޖެހި މީހުންނަށް އަނިޔާވުމާއި ބެލްކަނީ ފަދަ ތަންތަން ރަނގަޅަށް ފުރިހަމަނުކޮށް ބޭނުން ކުރުމުގެ ސަބަބުންނާއި ރައްކާތެރި ނޫން ގޮތްގޮތަށް ހަދާފައި ހުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކާ ކުރިމަތިވަމުން އަންނަ ކަމަށް މަސީ އިން ބުންޏެވެ.

"އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، އިމާރާތް ބޭނުންކުރާ މީހުންގެ ސަލާމަތާއި، ރައްކާތެރިކަން ޔަގީން ކުރުމަށް އިމާރާތް ކުރާއިރު ރަޖިސްޓްރީ ކޮށްފައިވާ ޒިންމާދާރު ކުންފުންޏަކާ މަސައްކަތް ހަވާލުކޮށް ކޮންސަލްޓެންޓެއްގެ ބެލުމުގެ ދަށުން މަސައްކަތް ކޮށް އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި މިހާރަށްވުރެ ސަމާލުކަންދީ ކުރެހުމާ ހިލާފަށް ބަދަލުތައް ނުގެނައުމަށް ހަނދާކޮށްދީ އިލްތިމާސް ކުރަން،" މަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އިމާރާތް ޑިޒައިން ކޮށްފައިވާ ގޮތާއި ހިލާފަށް އިމާރާތުގެ ވެރިފަރާތުން ނުވަތަ އިމާރާތް ބޭނުންކުރާ ފަރާތުން ބައެއް ބަދަލުތައް ގެންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް މަސީ އިން އިލްތިމާސް ކުރެއެވެ.