ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި މީހާގެ ބަންދަށް 10 ދުވަސް އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ މ. ޝައިނިންގް ސްޓާ، އަހުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި ހައްޔަރުގައި ހަމައެކަނި ހުރި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އުމުރުން 25 އަހަރުގެ އެމީހާގެ ބަންދަށް އެންމެ ފަހުން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ރިޟްވާން ގެއްލިގެން ހޯދަމުން އަންނަތާ މިއަދަށް ވަނީ 88 ދުވަސް ވެފައިވާއިރު، ރިޟްވާން ގެއްލުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް ކޯޓުން ވަނީ ތިން މީހުން ދޫކޮށްލާފަ އެވެ.

ރިޟްވާން ގެއްލުނީ އޮގަސްޓް 8، 2014 ގަ އެވެ.