ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން 50 ދުވަސް ވަންދެން ހިންގި އުދުވާނާ ބެހޭ ގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ރިޕޯޓެއް ނެރުމުން އިސްރާއީލުން އެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޣައްޒާގައި އިސްރާއީލުން ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ކަމަށް އެމްނެސްޓީގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނުމުން އިސްރާއީލުން ބުނެފައި ވަނީ އެ ރިޕޯޓަކީ ހަމާސް ޖަމާއަތުން ޕްރޮޕަގެންޑާ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ފުދޭ ރިޕޯޓެއް ކަމަށެވެ. އެގައުމުން އަދި ބުނެފައި ވަނީ ޣައްޒާގައި ހިނގި 90 ހާދިސާއެއް އެގައުމުން އަމިއްލައަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ކަމަށް އެގައުމުގެ އާރްޓީއީ ނޫހުން ބުންޏެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި ބުނެފައި ވަނީ މިލިޓަރީ އެއްވެސް އަމާޒެއް ނުފެނުމުން ވެސް އާއްމުންގެ ގެތަކަށް އިސްރާއީލުން ބޮން އަޅާފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް ހަމަލާތަކުގައި އާއިލާތައް އެކުގައި މަރާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ރިޕޯޓްގައި އަދި ބުނެފައި ވަނީ އިސްރާއީލުން ކުރިން ދައުވާ ކޮށްފައިވާ ގޮތަށް ގޭގެއަށް ހަމަލާ ދިނުމުގެ ކުރިން އިންޒާރު ވެސް ދީފައި ނުވާ ކަމަށާއި މީހުން ގޭގެއިން ނުކުންނަން ވެސް ފުރުސަތު ދީފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ އުދުވާނުގައި ޣައްޒާއިން 2100 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި 400 ކުޑަކުދިން ވެސް ހިމެނެއެވެ.