05 Nov 2014, 10:43
ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށާއި އެ މަސްލަހަތުގެ މައްޗަށް އެހެން ގައުމެއްގެ މަސްލަހަތު އިސް ކުރުމަކީ އަދުގެ ސަރުކާރުން ޖާގަ ދޭ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތުކަމަށާއި އެ މަސްލަހަތުގެ މައްޗަށް އެހެން ގައުމެއްގެ މަސްލަހަތެއް އިސް ނުކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް، ހިމާޔަތް ކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު. އެ މަސްލަހަތުގެ މައްޗަށް ބޭރުގެ މަސްލަހަތު އިސްކުރުމަށް މި ސަރުކާރުން ޖާގައެއް ނުދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ އިން މިހާރު ތައާރަފު ކޮށްފައިވާ "ޓްވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ސިލްކް ރޯޑް"ގައި ރާއްޖެ އިން ބައިވެރިވާން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ނާޝިދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ އެ ސިލްކް ރޯޑުގައި ބައިވެރިވުމަށް ސަރުކާރުން ނިންމީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި ދިވެހި ރައްޔިތުންނަށް އެއިން ގިނަ ފައިދާތަކެއް ލިބިގެންދާނެތީ ކަމަށެވެ.
ސިލްކް ރޯޑު ގާއިމް ކުރުމުގައި ރާއްޖޭގެ އަވަށްޓެރި ގައުމުތަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި އެ މަޝްވަރާތައް ކުރަނީ އިންޑިއާ ކަނޑަކީ ސުލްހަ ގާއިމްވެފައިވާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
"...އިންޑިއާ ކަނޑަކީ ސުލްހަ ގާއިމް ވެފައިވާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް މަޝްވަރާ ކުރަން ޖެހޭ ހުރިހާ ގައުމަކާ ވެސް ރާއްޖެއިން މަޝްވަރާ ކުރަނެ. ގުޅިގެން މަސައްކަތް ކުރަން ޖެހޭ ހުރިހާ ގައުމަކާ އެކީ ރާއްޖެ އިން މިދަނީ މަޝްވަރާ ކޮށް އަދި އެކުގައި މަސައްކަތް ކުރަމުން،" ދުންޔާ ވިދާޅުވި އެވެ.
ޗައިނާ އިން ގާއިމް ކުރުމަށް މަސައްކަތް ކުރާ 21 ވަނަ ގަރުނުގެ ވިޔަފާރީގެ މަގުގެ މަޝްރޫއު ގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ. އެ މަޝްރޫއުގައި ރާއްޖެ އިން ބައިވެރިވީ މިދިޔަ މަހު 15 ގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.