ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލް އާއި އަންދްރަލެޓް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 3-3ން ދެޓީމު ހަމަހަމަ ވެގެންނެވެ.

މެޗުގައި ފުރަތަމަ ތިން ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނުޓުގައި ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މިކެލް އާޓޭޓާ އެވެ. އާޓޭޓާ ލަނޑުޖެހިތާ މާގިނަ އިރެއް ނުވަނީސް ޗިލީގެ ފޯވަޑް އެލެކްސިޒް ސަންޗޭޒް ވަނީ ލަނޑެއް ޖަހައި އާސެނަލް އަށް ދެލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

އާސެނަލް އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 53 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިއާ އެލެކްސް އޮކްސްލޭޑް ޗަމްބަލޭން އެވެ. ރޭގެ މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ވަނ ފެނިގެންގޮސްފަ އެވެ.

ދެވަނަ ހާފުގެ 61 އަދި 73 ވަނަ މިނުޓުގައި ލަނޑުޖަހައި އަންދްރަލެޓްގެ ފޯވަޑް އެންތޮނީ ބޮރެން ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފަ އެވެ. މެޗުގައި އެޓީމުން ޖެހި ތިންވަނަ ލަނޑުޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު މިނުޓުގައި މިޓްރޮވިޗް އެވެ.

ފުރަތަމަ ހާފުގައި އާސެނަލް އިންވަނީ އަންދްރަލެޓްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިގޮތުން ވެލްބެކް އާއި ސަންޗޭޒް ފޮނުވާލި ހަމަލާތައް އަންދްރަލެޓްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ސަންޗޭޒް އަށް އަންދްރަލެޓްގެ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އިދިކޮޅު ޓީމުގެ ޑިފެންޑަރެކެވެ. އަދި އޭގެ އިރުކޮޅެއްފަހުން އާޓެޓާގެ ހިލޭ ޖެހުމުން ސަންޗޭޒް ގޯލާ އަމާޒުކޮށް ބޮލުން ފޮނުވާލި ބޯޅަ އަންދްރަލެޓްގެ ކީޕަރު ވަނީ ހުޝިއާރުކަމާއެކީ ދިފާއުކޮށްފަ އެވެ.

މެޗުގައި އަންދްރަލެޓް އަށް އާސެނަލްގެ ގޯލަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވިޔަސް ދެވަނަ ހާފުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.

މި ނަތީޖާ އާއެކު އާސެނަލް އޮތީ ޗެމްޕިއަންސް ލީގު ގްރޫޕް ޑީގެ ދެވަނައިގައި ހަތް ޕޮއިންޓާއެކުގަ އެވެ. ދެ ޕޮއިންޓާ އެކު އަންދްރަލެޓް ތިންވަނައިގައި އޮތްއިރު އެއްވަނައިގައި އޮތީ އަމިއްލަ ދަނޑުގައި ރޭ ތުރުކީގެ ގަލަޓަސަރާއީގެ މައްޗަށް 4-1 ން ކުރިހޯދި ބޮރޫޝިއާ ޑޯޓްމައުންޑެވެ. ޑޯޓްމައުންޑް އަށް 12 ޕޮއިންޓް ލިބިފައިވާއިރު އެޓީމުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.