05 Nov 2014, 09:59
ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގައި ކުރިޔަށްދާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިސްފަރާތްތަކުން އިޙްސާސް ކުރަމުން ގެންދަނިކޮށް އަންނަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބާއްވާ ޚާއްސަ ބައްދަލުވުމަކަށް ވަޑައިގަތުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއާއި ރިޕަބްލިކަން ޕާޓީގެ އިސްފަރާތްތަކަށް ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.
ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވިދާޅުވީ މިއީ ކޮންގްރެސްގެ އިންތިޚާބަށް ފަހު ބޭއްވުމަށް އޮބާމާ ރާއްވަވާފައިވާ ބައްދަލުވުމެއް ކަމަށާއި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް މިބައްދަލުވުން ކުރިޔަށްދާނެ ކަމުގަ އެވެ. އެމެރިކާގައި އިއްޔެ ޝާއިޢުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ ކަމަށާއި ނަތީޖާއެއްގެ ގޮތުން ކޮންގްރެސްގެ މިޑްޓާމް އިންތިޚާބު ކާމިޔާބު ނުވެދާނެ ކަމުގެ ބިރު އޮބާމާއާއި ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަރަށް ބޮޑަށް އިޙްސާސް ކުރާކަމުގަ އެވެ.
ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުތަކުގެ ތާރީޚު ތަކަށްބަލާއިރު ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި 2006 ވަނައަހަރު ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ބުޝްގެ ރިޕަބްލިކަން ޕާޓީވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެ އެވެ. ބިލް ކްލިންޓަންގެ ވެރިކަމުގައި 1994 ވަނަ އަހަރު ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ކްލިންޓަން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީވެސްވަނީ ނާކާމިޔާބުވެފަ އެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުގެ ކުރީކޮޅު ވެރިކަން ކުރެއްވި ރޮނަލްޑް ރޭގަންގެ ވެރިކަމުގައި 1986 ގައި ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ރޭގަން ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފަ އެވެ.
އިއްޔެ ފެށުނު ކޮންގްރެސްގެ މިޑްޓާމް އިންތިޚާބާބެހޭ ގޮތުން ކޮށްފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކަށް ބަލާއިރު ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓްގެވެސް ފުރިހަމަ އަޣްލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީން ހޯދާނެކަން ވަނީ ހާމަވެފަ އެވެ. ރިޔާސީ ދެވަނަ ދައުރުގައި އޮބާމާ އަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލަތަކުގެ ތެރޭގައި އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއްވުމާއި އައިއެސްޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާއި އެމެރިކާގެ ސިއްޙީ ނިޒާމު އިސްލާޙް ކުރުމަށް އޮބާމާ ވެވަޑައިގެންފައިވާ ވަޢްދުތައް ފުއްދިފައި ނުވުންފަދަ ބޮޑެތި އެތަށް މައްސަލައެއް ހިމެނެ އެވެ. މިމައްސަލަތަކާ ގުޅިގެން ރައްޔިތުން އޮބާމާއަށް އަދަބު ދޭނެކަމުގެ ބިރު ޑިމޮކްރެޓިކް ޕާޓީގެ އިސްފަރާތްތަކުން އިޙްސާސް ކުރާއިރު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮބާމާގެ މަގްބޫލުކަން ވެސް ވަނީ ދުވަހަކު ވެސް ދަށަށްނުދާ މިންވަރަށް މިހާރު ދަށަށްގޮސްފަ އެވެ.
ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ހިމެނެނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ހުރިހާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމާއި ސެނެޓްގެ ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމުގެ އިތުރުން ބައެއް ސްޓޭޓްތަކަށް ގަވަރުނަރުން އިންތިޚާބު ކުރުމެވެ. ދެހާސް ދިހަ ވަނަ އަހަރުގެ އިންތިޚާބަށް ފަހު އަދި މިހާތަނަށް ވެސް ކޮންގްރެސްގެ ދެގޭގެ ތެރެއިން ސެނެޓްގެ އަޣްލަބިއްޔަތު އޮންނަނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް މިހާރު ކުރިޔަށްދާ އިންތިޚާބުގައި މިދެގޭގެ އަޣްލަބިއްޔަތު ވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީ ނަގާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފަ އެވެ. (ރޮއިޓާސް)