ރިޔާޟް (ނޮވެމްބަރ 5): ސައޫދީ އަރަބިޔާގައި ހަރަކާތްތެރިވަމުންދިޔަ "ޓެރަރިސްޓުން"ގެ ބަޔަކާއި އެގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ބަދަލުކުރި ޙަމަލާތަކެއްގައި ހަތަރު މީހުން މަރުވެ އިތުރު ދެމީހަކު ޒަޚަމްވެއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.

ސައޫދީ ދާޚިލީ ވުޒާރާއާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި މި ޙަމަލާތައް ބަދަލުކޮށްފައި ވަނީ އެގައުމުގެ އަލްބުރައިދާ ސަރަހައްދުގަ އެވެ. ދެފަރާތުން ބަދަލުކުރި ޙަމަލާތަކުގައި މަރުވި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ދެމީހުންނާއި ހަތިޔާރުއެޅި މީހުންގެ ތެރެއިން ދެމީހުންކަމަށާއި އެ ދެ މީހުންނަކީ ހައްޔަރުކުރަން ބޭނުންވެފައިވާ ދެމީހުންކަން ސަޢޫދީ ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.

މީގެ ދެދުވަސްކުރިން ސައޫދީ އަރަބިޔާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ އަލްއިޙްސާގައި ދިރިއުޅޭ ޝިޔަޢީންނަށް އަމާޒުކޮށްގެން "ޓެރަރިސްޓުން"ގެ ބަޔަކު ދިން ޙަމަލާތަކެއްގައި ޝިޔަޢީންގެ ފަސް މީހުން މަރުވެފައިވާ ކަމަށް ވެސް ސައޫދީ ދާޚިލީ ވުޒާރާ އިން ކުރިން ހާމަކޮށްފައިވެ އެވެ. އިއްޔެ ސަލާމަތީ ބާރުތަކާ ހަމަލާތައް ބަދަލުކޮށްފައި ވަނީ އަލްއިޙްސާ ސަރަހައްދުގައި ޢާޝޫރާ ދުވަސް ފާހަގަ ކުރަމުންދިޔަ ޝިޔައީންނަށް ޙަމަލާދިން "ޓެރަރިސްޓުން" ކަމަށް ބެލެވޭ ކަމަށާއި އެމީހުން ނިސްބަތްވަނީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތަކަށްވުން ގާތްކަމަށް ސައޫދީ ދާޚިލީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ. އަލްއިޙްސާ ސަރަހައްދުގެ ޝިޔަޢީންނަށް ޙަމަލާތައް ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންގެ ތެރެއިން ހަ މީހުން ސަލާމަތީ ބާރުތަކުގެ ދަށަށް ގެނެވިފައިވާކަން ވެސް ސައޫދީ ދާޚިލީ ވުޒާރާއިން އިއްޔެ ހާމަކޮށްފައިވެ އެވެ.
ސައޫދީ އަރަބިޔާގެ އަލްއިޙްސާ ސަރަހައްދަކީ ތެލުގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ. ގާތްގަނޑަކަށް 90 އިންސައްތަ ސުންނީން ދިރިއުޅޭ ސައޫދީގައި ޝިޔަޢީންގެ ނިސްބަތަކީ ގާތްގަނޑަކަށް 10 އިންސައްތަ އެވެ. ޝިޔަޢީންގެ ގިނަ ބަޔަކު ދިރިއުޅެނީ ތެލުގެ ގޮތުން މުއްސަނދި އަލްއިޙްސާ ސަރަހައްދުގަ އެވެ. އަރަބި އެހެން ގައުމުތަކެކޭ އެއްގޮތަށް ސައޫދީ އަރަބިޔާއަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ޙަމަލާތައް ދޭތެރެއަކުން އަމާޒުވާ ގައުމެކެވެ. ސައޫދީ އަށް މިފަދަ ޙަމަލާތައް ދެމުން ގެންގޮސްފައިވަނީ އަލްގާއިދާއަށް ނިސްބަތްވާ ސައޫދީ ރައްޔިތުންކަން އެގައުމުން ކުރިން ހާމަކޮށްފައިވެ އެވެ. (އަލްޖަޒީރާ)