26 Jan 2011, 15:44
މާލެއަށް ލިބިފައިވާ ފަދަ ތަރައްޤީ އާއި ޚިދުމަތްތައް ހދ. ކުޅުދުއްފުށީގައި ވެސް ޤާއިމު ކުރުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި، ސަރުކާރުގެ ބޭނުމަކީ އެރަށުން ދޭ ޚިދުމަތްތައް، އުތުރުގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭނެ ރަށަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ކުޅުދުއްފުށީގައި ބޭއްވެވި އެމް.ޑީ.ޕީ.ގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ރައްޔިތުން ބިންވެރި ކުރުމަކީ، ސަރުކާރުގެ ވަޢުދެއް ކަމަށެވެ. އަދި އާބާދީ މަދު، ބިން ކުޑަ ރަށްރަށުގެ ބިން ބޮޑުކޮށް، ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދައި ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ސަރުކާރުން ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކޮށްފައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން، މަތި އުތުރު ޕްރޮވިންސްގެ ދިއްދޫ އާއި ކުޅުދުއްފުށީގެ ބިން ބޮޑުކޮށްފައިވާ ކަމަށާއި، އެބިމުގެ ފުރިހަމަ ބޭނުން، މުޅި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ހިފޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަތި އުތުރު ޕްރޮވިންސްގެ 11 ރަށެއްގައި ބަނދަރު ހަދައި، ބިންހިއްކުމުގެ މަސައްކަތް ހިންގާފައިވާ ކަމަށާއި، މި އަހަރު އިތުރު 13 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ބާޒާރު ބަނދަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް، މިއަހަރު މަތި އުތުރު ޕްރޮވިންސްގެ ކުޅުދުއްފުށްޓާއި، ހޯރަފުށްޓާއި، އިހަވަންދޫގައާއި، ދިއްދޫގައި ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ހދ.ގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ހދ.ން ލިބެން ހުރި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ހދ.ގެ ދިހަ ރަށެއްގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.
ރާއްޖޭގެ ތަރައްޤީގެ ޙަޤީޤީ ނާރެސްތަކަކީ، މަދަރުސާތައް ކަމަށާއި، ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދިނުމާއި، ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފަށްޓަން ކުރާ މަސައްކަތުގެ ތެރެއިން، މަތިއުތުރު ޕްރޮވިންސްގައި މިހާތަނަށް 28 ކްލާސްރޫމް ޢިމާރާތް ކޮށް، އިތުރު 54 ކްލާސްރޫމެއްގެ މަސައްކަތް ހިނގަމުން އަންނަ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 20 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ހަޤީޤީ ނަތީޖާ ހާމަވަނީ، 2010 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާއިން ކަމަށާއި، 2008 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު، މުޅި ޕްރޮވިންސްގެ ނަތީޖާ، 7 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ވަޢުދުގެ ތެރެއިން، މަތި އުތުރު ޕްރޮވިންސްގައި 625 ހައުސިން ޔުނިޓް ބިނާކުރެއްވުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރައްވާފައި ކަމަށާއި، މިއަހަރުގެ ތެރޭގައި، އެ ޕްރޮވިންސްގެ އެކި ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
2010 ވަނަ އަހަރާއި، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، ކުޅުދުއްފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިމި، މި އަހަރުގެ ތެރޭގައި، އެ ޕްރޮވިންސްގެ ހަތަރު ރަށެއްގެ ނަރުދަމާ އާއި، ތިން ރަށެއްގެ ފެނުގެ މަސައްކަތް ބަޖެޓްގައި ހިމެނި، މަސައްކަތް ފެށޭނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމުގެ މަސައްކަތުގެ ދަށުން، ހދ.ގެ 9076 މީހުންގެ މަދަނައިގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ދޮށީ އުމުރުގެ މީހުންނަށް ދޭން ފެށި ޕެންޝަން، ހދ.ގެ 3027 މީހަކަށް ލިބެމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން ދޭން ފެށި ޢިނާޔަތް، ތިލަދުންމަތީގެ 839 ރައްޔިތަކަށް ލިބެމުން ގޮސްފައިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.