ދިރާގު ދިވެހި ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 3-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވެ، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިއަހަރުގެ ދިވެހި ލީގު ކަށަވަރުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއުއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކަށަވަރުވެފައި މިވަނީ، އެޓީމުން މިފަހަރުގެ ލީގުގައި ކުޅުނު 17 މެޗުގެ ތެރޭން 16 މެޗް ކާމިޔާބު ކޮށްގެނެވެ. މިފަހަރުގެ ލީގުގައި ނިއު މިހާތަނަށް ބަލިވެފައި ވަނީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 1-0 ލަނޑުންނެވެ.

ލީގް ތާވަލުގެ އެއްވަނައިގައި 48 ޕޮއިންޓާއެކު ނިއު އޮތްއިރު، މާޒިޔާ އޮތީ 44 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގަ އެވެ. މިރޭގެ މޮޅާއެކު ތާވަލްގެ ތިންވަނައިގައި އޮތް އީގަލްސްއަށް ވަނީ ޖުމުލަ 32 ޕޮއިންޓް ލިބިފައެވެ.

ދިވެހި ލީގު ޖެހިޖެހިގެން މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައި ވަނީ ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާއިން ޖެހިޖެހިގެން ހަތަރު ފަހަރު ލީގް ކާމިޔާބު ކޮށްފައި ވާއިރު، އެޓީމުން ވަނީ މުޅިޖުމުލަ ފަސްފަހަރު ލީގް ކާމިޔާބު ކޮށްފައެވެ. ވީބީ ސްޕޯޓްސް ކްލަބް ވެސް ވަނީ ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހަތް މިނިޓުތެރޭގައި އީގަލްސްއިން ވަނީ އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށް މެޗުގައި ލީޑް ނަގާފައެވެ. ޔަސްފާދް ހަބީބް އީގަލްސްއަށް ކާމިޔާބު ކޮށްދިން މި ގޯލައެކު، އީގަލްސްއިން ވަނީ މާޒިޔާގެ ޑިފެންސަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތި ކޮށްފައެވެ.

އީގަލްސްއިން ދައްކަމުންއައި މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ، މެޗުގެ 12 ވަނަ މިނިޓުގައި އިސްމާއިލް އީސާ (މެސީ) އެޓީމަށް މެޗުގެ ދެވަނަ ގޯލް ކަމިޔާބު ކޮށްދިނުމެވެ.

މާޒިޔާއިން މެޗުގައި ޖަހާފައިވާ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދީފައި ވަނީ، ފުރަތަމަ ހާފްގެ 23 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، އެޓީމްގެ ރިސްޓޭ ބޮލުން އީގަލްސްގެ ގޯލްތެރެއަށް ފޮނުވާލި ބޯޅަޔާ އެކީއެވެ.

ދެވަނަ ހާފްގެ ކުޅުން އީގަލްސްއިން ފައްޓާފައި ވަނީ ވަރަށް ވަރުގަދަ ކޮށެވެ. އެގޮތުން އެހާފް ފެށިތާ ކުޑަ އިރުކޮޅެއްގެތެރޭގައި އީގަލްސްގެ ޔަސްފާދް ވަނީ އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑާއެކު މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ވަނީ ޓީމްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްފައެވެ.

މާޒިޔާއިން ގެނައި ބަދަލުތަކާއެކު އެޓީމުގެ ކުޅުން ރަނގަޅުވެގެން ދިޔަތަން ފެނުނުކަމުގައި ވީ ނަމަވެސް އެ ޓީމަށް އީގަލްސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެއާ ހިލާފަށް އީގަލްސްއިން ވަނީ މި ހާފްގައިވެސް މާޒިޔާގެ ޑިފެންސްގެ ބަލިކަށިކަމުގެ ބޭނުން ހިފާ، ރަނގަޅު ހަމަލާތަކެއް އެޓީމްގެ ގޯލަށް އަމާޒުކޮށްފައެވެ.

މި ނަތީޖާއާއެކު އީގަލްސްއާ މާޒިޔާއަށް ވެސް ވަނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ވެފައެވެ. ލީގު ޗެމްޕިއަން ނިއުއަށް އަދި ދެމެޗު ކުރިއަށް ކުޅެން އޮތްއިރު، މާޒިޔާ އާއި އީގަލްސްއަށް އޮތީ ލީގުގައި ބާކީ އެއް މެޗެވެ.