ހދ. ކުޅުދުއްފުށިން: އަޙްމަދު ސާއިލް ޢަލީ

ހދ. އަތޮޅުގައި ރިސޯޓް ހެދުމަށް ފަސް ރަށެއް، ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ އިއުލާން ކުރައްވައިފި އެވެ.

މިހާރު ރިސޯޓެއް ނެތް ހދ. އަތޮޅުގެ ވެރިކަން ކުރާރަށް ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ރިސޯޓް ހެދުމަށް ކަނޑައަޅާ ފަސް ރަށެއް އިއުލާން ކުރައްވާފައެވެ.

އެ ފަސް ރަށަކީ ދިއްޕަރުފުށްޓާއި ވައިކަރުމުރާދޫގެ އިތުރުން ކަނަމަނަ އާއި ކުޑަފަރާއި ކޭލަކުނެވެ.

"އެންމެ ފުރަތަމަ މިސަރުކާރުން ދޫކުރި ރަށްތަކެއް ދޫކުރީ ހދ. އިން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހދ. އަތޮޅުގައި ރިސޯޓެއް ނެތުމުން ސޯޝަލް ނެޓްވޯކުތަކާއި އަތޮޅު ފެންވަރުގައިވެސް އެއަތޮޅުގެ ރައްޔިތުން ވަނީ ރިސޯޓް ބޭނުންކަމަށް ބުނެ ކެމްޕެއިންތަކެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީން ވިދާޅުވީ، "ރިސޯޓް ހަދަން ނުކުންނަ ފަރާތްތަކަށް ތިން ޕަސެންޓާއި ހަތަރު ޕަސެންޓަށްވުރެ މަތި ނޫން އަދަދަކުން ލޯން ކޮމިޓްމެންޓް ދެއްވައިފި ނަމަ ސޮވެރިން ގެރެންޓީ ދޭނަން،" ކަމަށެވެ.

ހދ. އަތޮޅުގައި ފަސް ރިސޯޓު ހަދަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޔާމީން މިރޭ އިއުލާން ކުރެއްވިއިރު، ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ރިސޯޓު ހަދަން 10 ރަށެއް އަންނަ އަހަރު ކުއްޔަށް ދޫކުރަން މިއަދު މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުނަށް ރައީސް ޔާމީން ވެވަޑައިގެންފައިވާ އެންމެ ބޮޑު ވައުދަށް އަލިއަޅުއްވާލައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވައުދަކީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުން ކަމަށާއި މިއަދުވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއީ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން، ކުޅުދުއްފުށީ ރައްޔިތުންނަށް އެއާޕޯޓެއް އަޅައިދޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.