04 Nov 2014, 22:52
ނ. މަނަދޫ ގެއަކުން ވަގަށް ނަގާފައިވާ ހޯމް ތިއޭޓަރު ސިސްޓަމެއް ހޯދައި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މަހުގެ 3 ވަނަ ދުވަހުގެ ވަގުތެއްގައި މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި އެރޭ މަނަދޫއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ވަގަށް ނަގާފައިވާ ހޯމްތިއޭޓަރު ސިސްޓަމް ފުލުހުން ހޯދާފައިވަނީ މަނަދޫގައި ބިދޭސީ ބަޔަކު ދިރިއުޅެމުންދާ ގެއަކުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. މާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.