ހޮންޑާގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، ޝީޝާއިން ހުޅުމާލޭގައި ވެސް އެ ކުންފުނީގެ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ޝީޝާގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި އެކުންފުނިން ގާއިމްކޮށްފައިވާ ސާވިސް ސެންޓަރު ހުޅުވާފައި ވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގަ އެވެ.

ޝީޝާގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން މަނިކު "ސަން"އަށް ވިދާޅުވީ، ހުޅުމާލޭގައި އެ ކުންފުނީގެ ސާވިސް ސެންޓަރެއް ހުޅުވުމުގެ އެންމެބޮޑު އެއް ބޭނުމަކީ ހުޅުމާލެއަކީ އާބާދީ ބޮޑު ތަނަކަށް ވުމުން އެރަށުގައި އުޅޭ ކަސްޓަމަރުންނަށް ފަސޭހަގޮތެއްގައި ސައިކަލު ސާވިސް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

"ހުޅުމާލެއަކީ މިހާރު ވަރަށް އާބާދީ ބޮޑު ތަނެއް. އަޅުގަނޑުމެންގެ ގިނަ ކަސްޓަމަރުންތަކެއް ހުޅުމާލޭގައި އެބަތިބި. އެހެންވީމަ މި ސާވިސް ސެންޓަރުގެ ސަބަބުން ހުޅުމާލޭގައި އުޅޭ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ލުއިވެގެން ދާނެ،" އަހުމަދު ހަސަން މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސެންޓަރުގައި ވެސް މާލޭގެ ސާވިސް ސެންޓާރާ އެއްގޮތަށް ހޮންޑާ ބްރޭންޑުގެ ޕަމްޕް ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށާއި، ހުޅުމާލޭގައި ހުޅުވި ސާވިސް ސެންޓަރަކީ ޖާގަ ތަނަވަސް ތަނަކަށް ވުމުން އެތަނުން މަސައްކަތްތައް އަވަހަށް ނިމި އޭގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި ހުޅުވި ސާވިސް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.