ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއިން ހާސިލުކުރަން ކަނޑައަޅާފައިހުރި ހުރިހާ ކަމެއް ގާތްގަނޑަކަށް ހާސިލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު މިއަދު ސަން އަށް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން މިއަހަރު އެ މިނިސްޓްރީން ހާސިލުކުރަން ކަނޑައެޅި ހުރިހާ ކަމެއް ގާތްގަނޑަކަށް ހާސިލުކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ މިއަދު މީޑިއާއަށް ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ހަތަކަށް ކީރިތި ޤުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުންދާއިރު، ހުރިހާ ސްކޫލަކަށް ވެސް ޤުރުއާން ޓީޗަރުން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ 20 ސްކޫލެއްގައި ގްރޭޑް އެކެއްގެ 500 ދަރިވަރުންނަށް އަރަބި ބަސް ކިޔަވައިދެމުންދާ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަރަބި ތައުލީމް ފުޅާކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ދެ ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. އަންނަ އަހަރުގެ ދިރާސީ އާއަހަރާއެކު އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރާ ނޫރާނީ ސްކޫލުގައި އަރަބި ކިޔަވައިދޭން ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝިހާމް ވިދާޅުވީ، ސްރީލަންކާގައި ކުރިއަށްގެންދާ އަރަބި އަދި ދިވެހި ކްލާސްތައް އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ދިރިއުޅުމުގެ ހުނަރުތަކަށާއި ކަންކަމުގައި އިސްނެގުމަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް މިއަހަރު ހިންގަންފެށި ލައިފް ސްކިލް ޕްރޮގްރާމް ރާއްޖޭގެ 32 ސްކޫލެއް ފިޔަވައި ހުރިހާ ސްކޫލެއްގައި ކުރިއަށްގެންދާ ކަމަށް ކަމަށާއި އިސްނެގުމުގެ އާދަ އާލާކުރުމަށް ތައްޔާރުކުރަންޖެހޭ އުސޫލްތައް ތައްޔާރުކޮށް އެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގައުމީ ވާޖިބަށް އަހުލުވެރިކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ކޮންމެ ސްކޫލެއްގެ ކޮންމެ ދަރިވަރަކަަށް ވެސް އަހަރު ތެރޭގައި ވަކި ގަޑިތަކެއް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި އުޅެންޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، އެންމެ ކުއްޖަކު ވެސް ބާކީނުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށާއި އެ ސިޔާސަތުގެ ދަށުން ދަސްވާރު ޕްރޮގްރާމާއި ބޯޓެކްގެ ކޯސްތަކުގެ އިތުރުން ޕޮލިޓެކްނިކްގެ ކޯސްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ހުނަރު ދަސްކުރަމުންދާ ކަމަށެވެ. ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން ހިންގާ ތިން ޕްރޮގްރާމުގައި މިހާރުވެސް 715 ދަރިވަރުން ހުނަރު ހޯދަމުންދެ އެވެ.

ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަތޮޅުތެރޭގެ ފަސް ރަށެއްގައި ފަސް ޔުނިޓެއް ގާއިމްކޮށް ދެ ރަށެއްގައި އާލީ އިންތަވެންޝަން ދެ ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ތްރޫ ޕްރޮގްރާމް" ގެ ދަށުން އެއް ކުއްޖަކު އިންޓާންޝިޕް ފުރިހަމަކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން ޖަމާލުއްދީޯން ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އަޑު އިވުމުން މަހްރޫމްވެފައިވާ ހަ ކުއްޖަކަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަސް ފުރުސަތު ހޯދައިދިނުމަށްޓަކާ އެކި މުއައްސަސާތަކާއެކު ދަނީ ވާހަކަދެކެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތަރުބަވީ ތައުލީމުގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ތެރެއިން އެސްޓީއޯއާ ގުޅިގެން ހިންގަމުން އަންނަ ފާމަސިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ޝަރުތު ހަމަވާ 521 ކުދިންނާއެކު އެ ޕްރޮގްރާމް މިހާރު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރައީސް ޔާމީންގެ އެއް އަހަރުގެ ތެރޭގައި 96 ކްލާސްރޫމް އިމާރާތްކޮށް 128 ކްލާސްރޫމްގެ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފާއިތުވި އަހަރެއްގެ ތެރޭގައި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި ދަރިވަރުންގެ ކުޅިވަރު ސާމާނަށް ސަރުކާރުން 19.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތް ސްކްރީން ކުރުމަށް ހެލްތް މިނިސްޓްރީއާ އެކު މިއަހަރުގެ ކުރީކޮޅު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 5792 ދަރިވަރަކު ހެލްތް ސްކްރީން ކުރެވިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޗައިލްޑް ޕްރޮޓެކްޝަން ސިޔާސަތެއް އެކުލަވާލެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރުސަތު ޔަގީންކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޔުނިވާސިޓީ ހިންގުމުގެ ގަވާއިދެއް މިހާރު އެ މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ. އަދި އެ ގަވާއިދަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.