ޗެންޕިއަންސް ލީގްގެ މެޗުތަކުގެ ތެރޭން މިރޭ އިނގިރޭސި ކްލަބް ލިވަޕޫލް އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗް ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިނަމަ އެޓީމް ވެގެން ދާނީ މި ސީޒަންގައި މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާ ފުރަތަމަ ޓީމަށެވެ.

ރެއާލް ވަނީ މި ސީޒަންގެ އެކިއެކި މުބާރާތްތަކުގައި ކުޅުނު އެންމެ ފަހު އެގާރަ މެޗުންވެސް މޮޅުވެފައެވެ. އެއާ ހިލާފަށް ލިވަޕޫލުން ކުޅުނު އެންމެ ފަހު ހަތަރު މެޗުން އެޓީމަށް ކާމިޔާބު ކުރެވުފައި ވަނީ އެންމެ މެޗެކެވެ. މި ދެޓީމް އެންމެ ފަހުން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައިވެސް ރެއާލުން ވަނީ ލިވަޕޫލް ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މެޗަށް ނުކުންނައިރު ޗެމްޕިއަން ރެއާލްގެ ސްކޮޑް، ފާހަގަ ކޮއްލެވޭ ފަދަ ރަނގަޅު ފޯމެއްގައި ވާއިރު، އިންޖަރީގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހުނު ގެރެތު ބޭލް މި މެޗުން ފެންނާނެ ކަމުގެ ހަބަރުތައްވެސް ވަނީ ލިބިފައެވެ. ނަމަވެސް އެޓީމްގެ ޑިފެންޑަރު ޑެނީ ކަވާލްއަށް މިމެޗުގައި ކުޅެވޭނެ ކަމާ މެދު ވަނީ ޝައްކު އުފެދިފައެވެ. މި މެޗަށް ލިވަޕޫލުން ވެސް ވަނީ އިންޖަރީގެ މައްސަލަތަކަކާ ކުރިމަތި ލާން ޖެހިފައެވެ.

ޕޮއިންޓް ތާވަލަށް ބަލާލާއިރު، ނުވަ ޕޮއިންޓާއެކު ގްރޫޕް 'ބީ'ގެ ތާވަލް ލީޑް ކުރަނީ ރެއާލް އެވެ. އެ ޓީމްވަނީ އަދި މިހާތަނަށް ޗެންޕިއަންސް ލީގުގައި އެޓީމުން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ. އެއާ ހިލާފަށް މި ލީގުގައި ލިވަޕޫލަށް ކާމިޔާބު ކުރެވިފައި ވަނީ އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރޭން އެންމެ މެޗެކެވެ. ގެއްލުން ތިން ގޯލާއެކު ތާވަލްގެ ތިން ވަނައިގާ އޮތް ލިވަޕޫލަށް މުޅިޖުމުލަ ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

މި ދެޓީމް ބައްްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ. ޗެންޕިއަންސް ލީގް މެޗުތަކުގެ ތެރޭން މިރޭ ދެން ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ބަސެލް އާއި ޕީއެފްސީ ރަޒްގްރަޑް އެވެ.