ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ އަމީންއާންމު އުފައްދަވާފައިވާ 'މަޖިލީހުގެ ޕާލަމެންޓްރީ ރިޕޯޓަރު'ގެ މަގާމް އުވާލުމަށް މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސްގެ ލަފާފުޅުގެ މަތިން އަމީން އާންމު ޕާލަމެންޓްރީ ރިޕޯޓަރުގެ މަގާމަށް މީހަކު ހަމަޖެއްސެވީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިބްރާހިމް މުހައްމަދު އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އާންމު ކޮމެޓީގެ ނައިބު މުގައްރިރު ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، މަޖިލީހުގެ ޕާލަމެންޓްރީ ރިޕޯޓަރުގެ މަގާމް އުވާލުމަށް އާންމު ކޮމެޓީން ފާސްކުރީ އެ މަގާމް އުވާލުމާ މެދު އެ ކޮމެޓީގެ ލަފައަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަަމަށެވެ.

މަޖިލީހުގެ ރައީސް އާންމު ކޮމެޓީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން އޮފިސަރަކު ރައްޔިތުންގެ މަޖިލީހުގައި ހުންނައިރު ޕާލަމެންޓްރީ ރިޕޯޓަރުގެ މަގާމު މިހާރު އޮތުމަކީ ބޭނުންކަމެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ކަމުން އެކަމާއި މެދު ކޮމެޓީން ގޮތެއް ނިންމަވައި ދެއްވުމަށް މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަމަށް އާމިރު ވިދާޅުވފި އެވެ.

އާމިރު ވިދާޅުވީ، މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅަށް ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން އެ މަގާމް އުވާލަން ފެންނަ ކަމަށް ވޯޓް ދެއްވީ ކޮމެޓީއަށް ވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން ހަ މެންބަރުން ކަމަށެވެ.

އިބުރާހިމް މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ރިޕޯޓަރުގެ މަގާމަށް ބަދަލުވުމުގެ ކުރިން މަސައްކަތް ކޮށްފައިވަނީ އިންޑިޔާ ސަރުކާރުގެ ވަޒީފާއެއްގައެވެ.