ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 ލަނޑުން ބަލިވެ ކްލަބް ވެލެންސިއާއަށް ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދުގެ މެޗުން މޮޅުވެ ވިކްޓްރީއަށް 23 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާއަށް ލީގުގެ ފަސްވަނަ ވެސް ކަށަވަރެއް ނުވެއެވެ. ވެލެންސިއާ އަށް 14 ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ގަދަ ފަހެއްގައި އޮވެވޭނީ މިވަގުތު ހަވަނައިގައި 14 ޕޮއިންޓާއެކު އޮތް މަހިބަދޫ ސްޕޯޓްސްއަށް ކުރިއަށް އޮތް ދެމެޗުން އެޓީމު ބަލިވެއްޖެ ނަމައެވެ. ވެލެންސިއާއަށް ތިންވަނަ ބުރުގައި ބާކީ އޮތީ އެންމެ މެޗެކެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ވިކްޓަރީން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ އަށްވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހެންޒްލީ އަވިލޯ ދިން ބޯޅައެއް ވެލެންސިއާގެ ގޯލްތެރެއަށް ފޮނުވާލައިގެން ފޯވާޑު ހުސައިން ޝިމާޒު (ކޮކީ) އެވެ.

ވެލެންސިއާއަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ގެއްލިފައިވާއިރު ފުރަތަމަ ހާފު ނިމުނީ 1-0 އިން ވިކްޓަރީ ލީޑު ނަގައިންނެވެ.

ދެވަނަ ހާފުގައި ވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބުނެވެ. އެހެން ނަމަވެސް ވެލެންސިއާއަށް ވިކްޓަރީގެ ގޯލް ހުޅުވާ ނުލެވިގެން އުޅެނިކޮށް މެޗުގެ 81 ވަނަ މިނިޓުގައި ވިކްޓަރީގެ މިޑްފީލްޑަރު ހުސައިން ނިހާން ވަނީ ވެލެންސިއާ ކޮޅަށް ލަނޑު ޖަހައި އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ވިކްޓްރީން ގަދަ ހަތަރެއްގެ އުންމީދު ވަރުގަދަ ކޮށްފައިވާއިރު ތާވަލުގެ އެއްވަނައިގައި 48 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި 44 ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތް އިރު ތިންވަނައިގައި 29 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ.

ދިވެހި ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.