26 Jan 2011, 15:40
ނެތް ދަރިވަރުންގެ ނަމުގައި ބިލު ހަދައިގެން ގިޔާސުއްދީނު ސްކޫލްގެ ފަރާތުން ސަރުކާރުން ފައިސާ ނަގަމުންދާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއާވިޒު ރަޝީދު ވިދާޅުވީ، "އިތުރު ދަރިވަރުންތަކެއްގެ ނަމުގައި ގިޔާސުއްދީން ސްކޫލުން ސަރުކާރަށް ބިލު ހުށަހަޅާ" ކަމަށް ބުނާ ޝަކުވާއެއް ކޮމިޝަނަށް ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައި ވަނީ މިދިޔަ އަހަރުން ފެށިގެން މިގޮތަށް ބިލު ހުށަހަޅަމުންދާ ކަމަށް. އެހެންވެ، ގިޔާސުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރި ފަހުން ކަންތައް ހިނގަމުންދާ ގޮތް އަޅުގަނޑުމެން ބަލާނަން،" މުއާވިޒު ވިދާޅުވި އެވެ.
ގިޔާސުއްދީން ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށް އިންޑިއާގެ ސްރީ އެޑިއުކޭއާ ހަވާލުކުރިއިރު އެ ސްކޫލްގައި ކިޔަވަމުންދިޔަ ހުރިހާ ދަރިވަރުން ގްރޭޑް ހަތެއް ނިންމަންދެން ސަރުކާރުން އެކުދިންގެ ފީ ދައްކައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ގިޔާސުއްދީން ސްކޫލް ޕްރިންސިޕަލް ތޯހާ ސަލީމް މިއަދު ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ސްކޫލަށް ލިޔުމަކުން ހުށަހެޅުމަށް ތޯހާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގިޔާސުއްސީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 1، 2 އަށް އަލަށް ވައްދާ ކޮންމެ ދަރިވަރެއްގެ އަތުން 150 ޑޮލަރުގެ މަހު ފީއެއް ނަގަ އެވެ. އަދި ގްރޭޑް 8 ށް ވަންނަ ކޮންމެ ދަރިވަރަކު ކޮންމެ މަހަކު 250 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ.
ގިޔާސުއްދީން ސްކޫލް 2008 ވަނަ އަހަރު ޕްރައިވަޓައިޒްކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ އެކަމާ ނުރުހުން ފާޅުވެސްކޮށްފަ އެވެ.