04 Nov 2014, 19:54
ހއ. ހޯރަފުށިން: އަޙްމަދު ސާއިލް ޢަލީ
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހއ. ހޯރަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންފި އެވެ.
ހޯރަފުށީ ނަރުދަމާގެ މަސައްކަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް އަންނަ އަހަރުގެ ބަޖެޓުން ހައްލު ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ފެން ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށި 2016 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އަދި މިރަށް ގިރުން ހައްލު ކުރުމުގެ ޕްރޮޖެކްޓެއްގެ އިތުރުން މިރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިވަގުތު ހޯރަފުށީ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އެތައްކަމެއް އަންނަ އަހަރުގެ ބަޖެޓުގައި މިވަނީ ހައްލު ކުރަން ހިމެނިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަރައްގީ ކުރުން ނޫން ކަމަށާއި މި ސަރުކާރުން އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގެ "އައިހެވަން" ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، އެ ޕްރޮޖެކްޓަކީ މިއަތޮޅަށް އަންނާނެ އެންމެ ބޮޑު ޕްރޮޖެކްޓަކަމަށާއި އެ ޕްރޮޖެކްޓާ އެކު "މި އުތުރު ސަރަހައްދު ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީގެ ނާރެހަކަށް ގެންގޮސްދޭނެ" ކަމަށެވެ.
އައިހެވަން ޕްރޮޖެކްޓުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ލޮޖިސްޓިކް މަސައްކަތް ކަމަށާއި ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެން ދިއުމާ އެކު އައިހެވަން ޕްރޮޖެކްޓަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މި ފަސް އަހަރު ނިމެންވާއިރަށް ފުދުންތެރި އިގްތިސާދެއް ބިނާކުރުން ކަމަށެވެ. އަދި ހަމަ އެއާ އެކު ވަކިވަކި ފަރުދުން ތަނަސް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.