04 Nov 2014, 19:48
ހއ. ހޯރަފުށިން: އަޙްމަދު ސާއިލް ޢަލީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި އަޅަން ފަށާފައިވާ އަދި މިހާރު ވީރާނާވަމުން އަންނަ ސިޓީ ހޮޓަލުގެ މަސައްކަތް އަލުން ފަށައި އެތަން ބޭނުން ކުރެވޭ ތަނަކަށް އަދުގެ ސަރުކާރުން ހަދައިދޭނެކަމުގެ ފުރިހަމަ އުންމީދު އެބަ އޮތްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ ނަރުދަމާގެ މަސައްކަތް ރައީސުލްޖުމްހޫރީއްޔާ އިފްތިތާހުކޮށްދެއްވުމަށް މިއަދު އެރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، އުލިގަމުގެ ޕްރޮޖެކްޓް ހުއްޓުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް ތުހުމަތުކުރައްވައި ސިޔާމް ވިދާޅުވީ، "މިސަރުކާރުން އެ ޕްރޮޖެކްޓް އަލުން ފަށައިދީ އެ ހޮޓާ ހިންގައިދޭނެ" ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި މިހާރު އޮތީ އެތަން [އުލިގަމު ހޮޓާ] ވަރަށް ފުރިހަމައަށް ތަރައްގީ ކުރަން" ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އުލިގަމު ޕްރޮޖެކްޓް ތިން ހަތަރު ބަޔަކާ ހަވާލުކޮށްގެން ކުރިއަށް އޮތް ދެ ތިން އަހަރެއްގެ ތެރޭގައި އެތަން ހޮޓާތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ކަމަށެވެ.
ހއ. އަތޮޅަށް ޓޫރިޒަމްގެ ފައިދާވެފައި ނުވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން މިއަތޮޅުގެ ޓޫރިޒަމް ނައްތާލާފައިވާތީ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.
ހޯރަފުށި ރައްޔިތުންނާ މުހާތަބުކުރައްވައި ސިޔާމް ވިދާޅުވީ، މީގެ ކުރިން މިރަށަށް ޒިޔާރަތްކޮށް ހޯރަފުށި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައިވާނޭ ކަމަށާއި މިއަދު ހޯރަފުއްޓަށް ވަޑައިގަތީ އެ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އެގޮތުން މިސަރުކާރުން ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.