04 Nov 2014, 17:31
ސްރީލަންކާގެ ގައުމީ ކްރިކެޓް ޓީމަށް ކުޅުންތެރިން ނެގުމުގައި ޖިންސީ ގޮތުން ނާޖާއިޒު ފައިދާ ނަގަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަން އެގައުމުގެ ސްޕޯޓްސް މިނިސްޓަރު މަހިންދަނަންދަ އަތުލު ގަމަ އަންވައިފި އެވެ.
އިންޑިއާގެ ބިޒްނަސް ސްޓޭންޑާޑް ނޫހުން އިއްޔެ ބުނީ އެ މައްސަލަ ބެލުމަށް ރިޓަޔާ ކުރައްވާފައިވާ އަންހެން ފަނޑިޔާރަކު އިސްކޮށް ހުންނަވާ ކޮމިޓީއެއް އުފެއްދުމަށް ސްރީލަންކާ ކްރިކެޓް ބޯޑް (އެސްއެލްސީ) އަށް އަތުލުގަމާ އަންގަވާފައިވާ ކަމަށެވެ.
އަންހެން ކްރިކެޓް ޓީމުން ޖާގަ ހޯދުމަށް ޓަކައި ކުޅުންތެރިން އިޚުތިޔާރު ކުރާ ބައެއް ބޭފުޅުން "ހިތްހަމަ ޖައްސައިދޭން" އެބޭފުޅުން އެދިވަޑައިގެންނެވި ކަމުގެ ޝަކުވާ ކުޅުންތެރިން ކުރާ ކަމަށް ސްރީލަންކާގެ މީޑިއާގައި ވަނީ ހަބަރު ފެތުރިފަ އެވެ. އެ މައްސަލަ ފެންމަތިވުމުން އެކަން ބެލުމަށް އެސްއެލްސީ އިން ކުރިން ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. ނަމަވެސް އެބޯޑުން އޭރު ބުނެފައި ވަނީ ސީދާ ކުޅުންތެރިންގެ ފަރާތުން ޝަކުވާ އައިސްފައި ނުވާތީ ތަހުގީގުކުރާނީ މީޑިއާ ރިޕޯޓްތައް ކަމަށެވެ.
އަތުލުގަމާ އިއްޔެ އެކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މަޝްރަހުގައި ގައުމުގެ ނަން ކިލަނބުވެފައިވާ ކަމަށެވެ.
ސްރީލަންކާއަކީ ބައިނަލްއަގުވާމީ ކްރިކެޓްގެ ގަދަ ބާރެކެވެ.