04 Nov 2014, 17:15
ބާސެލޯނާއަށް ކުޅެމުންއަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އަކީ އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފެންވަރަކަށް ކުޅޭނެ ކުޅުންތެރިއެއް ކަމަށާއި، މި ސީޒަންގައި އެކަން ފެނިގެން ދާނެ ކަމަށް ކޮލަންބިއާގެ ފުޓްބޯޅަ ތަރި ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
ފަލްކާއޯ ބުނީ، މި އަހަރަކީ ނޭމާއަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. އަދި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއަކަށް ވުމުގެ ހުނަރު ނޭމާގެ ކިބައިގާ ހުރިކަމަށާއި، ދުނިޔޭގެ ފެންވަރުގެ އެހެން ކުޅުންތެރިންނާ އަރާ ހަމަ ކުރުމުގެ ފުރުސަތު އޭނާއަށް އޮތްކަމަށް ވެސް ފަލްކާއޯ ބުންޏެވެ.
"އޭނާ ވާދަކުރާނެ ބައިވަރު ކުޅުންތެރިން އެބަތިބި. ރޮނާލްޑޯ އެ ހުންނަނީ އަބަދު ލަނޑު ޖަހާލަ ޖަހާލަ. އަދި މެސީގެ ކުޅުމުގެ ފެންވަރަކީ ފުޓްބޯޅަ ކުޅުންތެރިއަކަށް ކުޅެވޭނެ އެންމެ މަތީ ފެންވަރު. މީ ވަރަށް ވާދަވެރި ކަމެއް، ނަމަވެސް ނޭމާއަށް އެ ކުޅުންތެރިންނާއި ވާދަކުރެވިދާނެ،" ލޯނު އެެއްބަސްވުމެއްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވާޑް ބުންޏެވެ.
އުމުރުން އެންމެ 22 އަހަރުގެ ނޭމާއަކީ މިހާރު ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރާ ކުޅުންތެރިޔާ އެވެ. ޔޫރަޕްގައި އަދި މިހާތަނަށް އޭނާގެ ދެވަނަ ސީޒަން ގުނަމުންދާ ނޭމ،ާ ބާސާގެ 14 މެޗަކުން ފެނިފައި ވާއިރު، އޭނާ ވަނީ އެޓީމަށް 12 ގޯލް ކާމިޔާބު ކޮށްދީފައެވެ.
ބްރެޒިލްގެ ކްލަބެއް ކަމަށްވާ ސަންތޯސްއަށް ކުޅެމުން އައި ނޭމާ ޔޫރަޕަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރު އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އޭނާ ބްރެޒިލުން ޔޫރަޕަށް ބަދަލުވެފައި ވަނީ ހުންނަން ޖެހޭ ވަރަށް ވުރެ ގިނަދުވަހު ބްރެޒިލަގައި މަޑުކޮށްފައެވެ.
"އަހަންނަށް ހީވާގޮތުގައި ނޭމާ ބްރެޒިލުން ޔޫރަޕަށް ބަދަލުވިލެއް ތަންކޮޅެއް ލަސް. އޭނާ ކައިރީ އަހަރެން އެވާހަކަ ބުނަންވެސް ބުނިން،" ފަލްކާއޯ ބުނެފައި ވެއެވެ.
ނަމަވެސް ބަދަލުވުމަކީ ނޭމާގެ އަމިއްލަ ކަމެއް ކަމަށާއި، އޭނާ ގަބޫލްކުރާގޮތުގައި ބްރެޒިލްގައި ނޭމާ ހޭދަކޮށްފައިވާ ދުވަސްތައް އޭނާ ހޭދަ ކޮށްފައި ވަނީ ހިތްހަމަ ޖެހިގެންކަމަށް ފަލްކާއޯ ބުންޏެވެ.