04 Nov 2014, 17:08
ދެ ރަށެއްގެ ސިއްހީމަރުކަޒު މަރާމާތު ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ގދ. މަޑަވެލި ސިއްހީމަރުކަޒާއި ތ. ދިޔަމިގިލި ސިއްހީމަރުކަޒު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް އެވެ.
މަޑަވެލި ސިއްހީ މަރުކަޒުގެ ފާހަނާ އާއި ކަރަންޓްގެ މައްސަލަތަކުގެ އިތުރުން އިމާރާތުގައި ހަލާކުވެފައި ހުރި ކަންކަން ރަނގަޅުކޮށް އިމާރާތުގެ އާބާތުރަ ފިލުވަން ހަވާލުކޮށްފައި ވަނީ ޕޯލަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ރާޝިދު އެވެ. ނުވަ ލައްކަ ސާޅީސް ހާސް ރުފިޔާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 65 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމުމުން އެ ރަށު ސިއްހީ މަރުކަޒުން މިހާރުދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ އިތުރަށް ހިދުމަތް ފުޅާވެގެން ދާނެ ކަމަށެވެ.
މިއަދު މަސައްކަތް ހަވާލު ކުރި ދިޔަމިގިލި ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވުމަށް 380،000 ރުފިޔާ ހަރަދުވެ އެވެ. އެ މަސައްކަތރް ހަވާލުކޮށްފައި ވަނީ އައިއެސްއެފް ކޮންސްޓަރަކްޝަނާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އެ މަސައްކަތީ ސޮއިކުރާ ތާރީހުން ފެށިގެން 75 ދުވަހުގެތެރޭ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ހަވާލު ކުރި މަސައްކަތެކެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްދޭ އިތުރު ތަންތަން މާރާމާތު ކުރުމަށް އެކި ކުންފުނިތަކާ މި އަހަރުގެ ތެރޭ އަދި ވެސް ހަވާލުކުރާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި ވެސް ވަރަށް ބޮޑު ހޭދައެއް ހުރިހާ ސިއްހީ މަރުކަޒުތަކެއް މަރާމާތު ކުރުމަށް ވާނީ ހިމަނާފައި ކަމަށާއި އެގޮތުން 50 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަން މަރާމާތު ކުރަން ވާނީ ހިމަނާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް އަދި ވިދާޅުވީ ދާދިފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެގައުމުގެ ހެލްތު މިނިސްޓަރާ ބައްދަލުކޮށް، ބޭރުގެ އެކި ޔުނިވަސިޓީތަކުން ކިޔަވައިގެން ރާއްޖެ އަންނަ ކުދިން އިންޓާންޝިޕް ޓްރެއިނިން ހެދުމަށް ފުރުސަތު ނެތް ހުރިހާ ފަރާތްތަކަށް އިންޑިއާ އިން އެ ފުރުސަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އިންޓާންޝިޕް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ކަމަށް އެދޭ ކުދިން އިންޑިއާގެ ކަމާ ބެހޭ އެކިއެކި ޔުނިވަސިޓީތަކަށް ފޮނުވައިގެން އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަ ކުރެވޭ ގޮތް ހައްދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ސްޕެޝަލައިޒް ނުވެ ތިބި ޑޮކްޓަރުން ނަށް ސްޕެޝަލައިޒް ވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށާއި އަދި ރާއްޖެއަށް މަދުވާ ޑޮކްޓަރުން ވެސް ލިބިގެންދާނެ ކަމަށެވެ.