ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް ތިން ވަނަ ފަހަރަށް ކެންސަލްކޮށްފި އެވެ.

މިއަދު 10:00ގައި ބާއްވަން ތާވަލުކުރި ޝަރީއަތުގެ މަޖިލީސް ވެސް ކެންސަލްކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ހާޒިރުނުކުރެވޭތީ އެވެ.

ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި އެމީހުންގެ ތެރެއިން ނަސީފް އާއި ޝިފާއުއާ ދެކޮޅަށް ވަނީ މަންޒަރު ދުށް ބައެއް މީހުން ހެކިބަސްދީފަ އެވެ. ނަމަވެސް ރިފްޝާނާ ދެކޮޅަށް ހެކިބަސް ލިބިފައެއް ނުވެ އެވެ.