ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގެ ޚުލާސާ ބަޔާން އަންނަ ހަފްތާގައި ހުށަހަޅައިފި ނަމަ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައުލަތުންނާއި ދިފާއީ ވަކީލުން އަންނަ ހަފްތާގައި ޚުލާސާ ބަޔާން ހުށަހަޅައިފި ނަމަ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި އެހެންނޫން ނަމަ އެ މައްސަލައިގެ ހުކުމް އިއްވާނީ އަންނަ އަހަރު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ކްރައިމްސީން ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަކު ހާޒިރުކޮށް ހެކިބަސްނެގުމެވެ.

ހެކިބަސް ދެމުން ފުލުސް އޮފިސަރު ވަނީ ތަހުގީގުގައި ފާހަގަކުރެވުނު ކަންތައް ކިޔައިދީފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ މައްސަލާގައި ދައުވާ ލިބޭ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެ ރަށު ޅޮހީގޭ މުހައްމަދު ލަތީފާއި ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި ތިން މީހުންގެ ތެރެއިން ނުއުމާން ބުނެގެން އޭނާގެ ގޭގެ ތަނެއް ކޮނެގެން، ފައިސާތަކެއް ފެނިފައިވާ ކަމަށެވެ. އެ ފައިސާ އަކީ ހުސޭނުބޭގެ ގެއިން ވަގަށްނެގި ފައިސާ ކަމަށް ތަހުގީގުގައި އޭނާ ވަނީ ކިޔައިދީފަ އެވެ.

އޭނާ ވިދާޅުވީ ހޮރަފުށީ ވަތަނިއްޔާ އެންޓަނާ ހުންނަ ސަރަހައްދު ކޮނެގެން ބެލިއިރު ހުސޭނުބޭގެ ބިޒްނަސް ކާޑަކާއި ވަގަށް ނެގި ފައިސާ އަޅައިގެން ގެން ދިޔަ ކަމަށް ބުނާ ދަބަސް ވެސް ފެނިފައިވާ ކަމަށެވެ. އަދި އެތަން ވެސް ކޮނެފައި ވަނީ ދައުވާ ލިބޭ މީހުން ތަހުގީގުގައި ކިޔައިދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ވަނީ ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓު ތައްޔާރުކުރި ފުލުހުން ހާޒިރުކޮށް ހެކިބަސް ނަގާފަ އެވެ.

އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭގެ ގެއިން ވައްކަންކުރުމަށްފަހު، އޭނާ ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ހުސޭނުބޭ ދިރިއުޅޭ ގެއިން 100،000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައިވެ އެވެ.