04 Nov 2014, 16:37
ނަޒާހަތްތަތެރިކަމުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ 30ގެ ނިޔަލަށް ހަމަވެފައިވާ އިރު އެ އިނާމަށް މިހާތަނަށް ކުރިމަތިލާފައި ވަނީ ހަ ފަރާތަކުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިނާމަށް ކުރިމަތިލާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ކެޓަގަރީން ދެ ފަރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ކެޓަގަރީން އެކަކާއި ވަކިވަކި ފަރުދުންގެ ކެޓަގަރީން ތިން ފަރާތަކުން ކަމަށެވެ. އަދި ވިޔަފާރި ކެޓަގަރީން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އޭސީސީ އިން ބުނީ އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ބަލާނީ މިންގަނޑުތަކުގެ ތެރޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކަށް 15 ޕަސެންޓާއި ނަތީޖާ ނެރެފައިވާ މިންވަރަށް 15 ޕަސެންޓާއި އެ މަސައްކަތްތަކުގެ އަސަރު ފޯރުވާފައިވާ މިންވަރަށް 20 ޕަސެންޓާއި އީޖާދީ މަސައްކަތްތަކަށް 20 ޕަސެންޓް ކަމަށެވެ.
އޭގެ އިތުރުން އެ މަސައްކަތްތަކަކީ ނަމޫނާއެއް ގޮތުގައި ބެލޭ ނަމަ އެއަށް 10 ޕަސެންޓާއި ހަރަކާތުގެ މުއްދަތަށް 10 ޕަސެންޓާއި އިންޓަވިއުއަށް 10 ޕަސެންޓާ އެކު ޖުމްލަ 100 ޕަސެންޓް ކަމަށެވެ. އަދި އެ ކަންތައްތައް ބެލުމުގައި ބަރޯސާ ވާނީ ހުށައަޅާފައިވާ ހެކިތަކުގެ މައްޗަށްކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
އަންނަ މަހު ނުވަވަނަ ދުވަހު އެންޓި ކޮރަޕްޝަން ދުވަހުގެ ހާއްސަ ޖަލްސާގައި ދޭން ނިންމާފައިވާ އެ އިނާމު ލިބޭނީ ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކެޓަގަރީއަކުން އެންމެ މަތިން މާކްސް ލިބިގެން ޖުމްލަ 70 ޕަސެންޓަށް ވުރެ މާކްސް ދަށް ނުވާ ނަމަ އެވެ.
ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ނަޒާހަތްތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ހިންގާ ތަފާތު މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމަށް ދެވޭ އިނާމެކެވެ.